ޚަބަރު

ސާޅީސް އަހަރަށް ޖަލަށް ލިޔަސް، ނުކުމެ މަސައްކަތް ކުރާނީ ރައީސް ޔާމީނުގެ ހައްގުގައި: ޣައްސާނު

އާނިފާ ހުސެއިން ސިރާޖް

ސާޅީސް އަހަރު ޖަލުގައި އޮވެފައި ނުކުމެވެސް ތާއީދު ކުރާނީ އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހައްގުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.

"އަނިޔާވެރި ހުކުމާ ދެކޮޅަށް" ނަމުގައި ޕްރޮގުރެސިވް ކޮންގުރެސް ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާނު ވިދާޅުވީ 2023 ވަނަ އަހަރުގައި ވެސް ރާއްޖޭގެ ވެރިކަމަށް ގެންނާނީ ރައީސް ޔާމީން ކަމަށާއި އެއީ ގައުމީ ރޫހެއް ކަމަށެވެ.

ރައީސް ޔާމީން ލީޑަރަކަށް ވުމަކީ ލިބޭ ފަހުރެއްކަން ފާހަގަކުރައްވާ ޣައްސާން ވިދާޅުވީ މިވަގުތަކީ ހިތްދަތި ވަގުތެއް ނަމަވެސް ޕީޕީއެމްގެ ސަފުތައް އެނބުރޭނީ ރައީސް ޔާމީން ވަށައިގެން ކަމަށެވެ.

"މިވަގުތަކީ ހިތްދަތި ވަގުތެއް. އަޅުގަނޑުމެންގެ މީސްކޮޅު މަދު ކަމަށް ވެސް ބަޔަކަށް ހީވާ ވަގުތެއް. ވަރަށް އެކަނިވެރިކޮށް ތިބި ކަމަށް އަޅުގަނޑުމެންނަށް ވެސް ހީކުރެވޭނެ ފަދަ ވަގުތެއް. ނަމަވެސް އެއްހާސް އަހަރު ކުދި ހިނިވެސް ހިނގާ މަގު ފަރުބަދައިގައި ކަނޑާ އުސޫލުން އަޅުގަނޑުމެން ވެސް ނުކުމެ މިތިބީ މަގުސަދު ﷲ އިރާދަކުރެއްވިއްޔާ ހާސިލުކުރަން،" ޣައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދައްކާ ބިރަކަށް ވެސް ފަހަތަކަށް ނުޖެހޭނެ ކަމަށާއި ޖަލަށް ވެސް ލެވިދާނެ ކަމަށެވެ. އަދި 40 އަހަރު ޖަލުގައި އޮވެފައި ނުކުމެ ތާއީދު ކުރާނީވެސް ރައީސް ޔާމީނަށް ކަމަށާޢި އެ އަޒުމެއް ގުނޑުވައެއް ނުލެވޭނެ ކަމަށެވެ.

ޣައްސާން ވިދާޅުވީ، މިވަގުތަކީ ގައުމުގެ ކަންކަން ހިތްހަމަޖެހޭ ގޮތަށް ނުދާ ވަގުތެއް ނަމަވެސް ސުވާލު އުފެދޭ ބަޖެޓަށް އޭނާ ވޯޓު ދެއްވީ އިދިކޮޅުގައި ހުންނެވިއިރު ރައީސް ޔާމީން ދެއްކި މިސާލުންނާއި ވެރިކަމުގައި ހުންނެވި ދެއްވި އިރުޝާދުން އަދި ޖަލުގައި ހުންނެވިއިރު ނިންމެވި ނިންމެވުމާ އެއްގޮތަށް ކަމަށެވެ.