ހުއްދަ ނުހޯދައި ތިލަފުށި ފަޅުގައި އެޅި ދަގަނޑު ބޯޓު "އެމްވީ ސީހޯމް ސެފަޔާ" ފަޅުތެރެއިން ނަގައި ކަފާލުމުގެ ހުއްދަ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ދީފައި ނުވާނެ ކަމަށާއި ހުއްދަ ދިނީ ފަޅުތެރެއިން އެ ބޯޓު ނެގުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ހުއްދަ ނުހޯދައި 30 ޖުލައި 2012 ގައި ތިލަފުށި ފަޅުތެރޭގައި އެޅި އެ ބޯޓަކީ ވެރިފަރާތެއް ނޭނގޭތީ ސިވިލް ކޯޓު މެދުވެރިކޮށް ދައުލަތަށް، ފިނޭންސް މިނިސްޓްރީއަށް ނަގާފައިވާ ބޯޓެކެވެ. އަދި ގްރޭޓާ މާލެ ކުންފުނިން ކަމާބެހޭ އިދާރާތާއެކު ކުރި މުއާމަލާތްތަކަށްފަހު 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށް، ބީލަމަށް ނުލައި، ޕާކަވަން އިންވެސްޓްމަންޓާ ހަވާލުކުރިއެވެ.
އެއީ އެބޯޓު ފަޅުން ނެގުމުގެ ހުރިހާ ހަރަދެއް ޕާކަވަން އިން ކުރުމަށްފަހު، ބޯޓު ވިއްކާލައިގެން ލިބޭ އެއްޗެއް ވެސް އެ ކުންފުންޏަށް ލިބޭ ގޮތަށެވެ.
ނަމަވެސް އެ އެއްބަސްވުމަކީ ގްރޭޓާ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުވާ ކަމެއް ކަމަށްބުނެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިންމައި، ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ދިވެހި ރުފިޔާ) ހޯދަން ޕާކަވަން ވަނީ ދައުވާކޮށްފައެވެ.
އެ މައްސަލަ ކޯޓުން ނިމޭ ގޮތަކުން ދައުލަތުން އަނެއްކާވެސް ބޮޑު މާލީ ބަދަލެއް ކުންފުންޏަކަށް ދޭންޖެހިދާނެކަމުގެ ބިރު އޮތުމުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީން އެ މައްސަލަ ހިނގައިދިޔަ ގޮތް ބަލަން ފެށިއެވެ.
އެގޮތުން ރޭ ބޭއްވި އެސްއޯއީ ކޮމިޓީއަށް ގްރޭޓާ މާލޭގެ ވެރިންނާއި ޕްރައިވަޓައިޒޭޝަން ބޯޑު އަދި ފިނޭންސް މިނިސްޓްރީ ހާޒިރުކުރިއެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ގްރޭޓާ މާލޭގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ވިދާޅުވި ގޮތުގައި، އެބޯޓު ފަޅުން ނެގުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ކުރުމަށް ޕާކަވަންއާ ހަވާލުކުރީ އެބޯޓު ފަޅުގައި ބާއްވައިގެން ލިބުނު ގެއްލުންތަކާއި އައިޑީބީގެ 165 ޑޮލަރުގެ މަޝްރޫއެއް ގެއްލިދާނެކަމުގެ ބިރާއި އެކަމުގެ ޕްރެޝަރާ ހެދިއެވެ.
އެގޮތުން ބީލަމަށް ނުގޮސް ބަޔަކާ އެ މަސައްކަތް ހަވާލުކުރީ ކުންފުނީގެ ޕްރޮޖެކްޓްސް އިންޖިނިއަރުން ތައްޔާރުކުރި ރިޕޯޓާއި ލީގަލް ޑިޕާޓްމަންޓުގެ ލަފަޔާއެކު، ދައުލަތާއި ކުންފުންޏަށް އެންމެ ގެއްލުން ކުޑަ ގޮތަކީ އެއީ ކަމަށްވާތީ ކަމަށް އިބޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެގޮތަށް އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީއާއެކު ކުރި މުއާމަލާތްތަކުގައި ގްރޭޓާ މާލޭން އެބޯޓު ނެގުމަށް ގަސްދުކުރާ ގޮތަކީ ކޮބައިތޯ ސިޓީއަކުން އެ މިނިސްޓްރީން އެދުނު ކަމަށާއި އަދި އެ ސިޓީގެ ޖަވާބުގައި ބޯޓު "ތަސައްރަފު" ކުރަން ބޭނުންވާކަން ފިނޭންސްއަށް އަންގާފައިވާނެ ކަމަށެވެ.
އެސްއޯއީ ކޮމިޓީއަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސެއިން ވިދާޅުވީ، ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ތިލަފުށީ ފަޅުތެރެއިން ބޯޓު ނެގުމުގެ ހުއްދައަށް ގްރޭޓާ މާލޭ ކުންފުނިން އެދުމުން އެ ހުއްދަ އެ ކުންފުންޏަށް ދީފައިވާނެ ކަމަށެވެ.
ނަމަވެސް ހުއްދަ ދީފައިވަނިކޮށް ބޯޓު ނައްތާލުމުގެ ހުއްދައެއް އެއްވެސް ފަރާތަކަށް ދީފައިވޭތޯ ސާފުކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިނޭންސަށް ސިޓީއެއް ލިބުނު ކަމަށާއި އެ ސިޓީގެ ޖަވާބުގައި އެފަދަ ހުއްދައެއް އެއްވެސް ފަރާތަކަށް ދީފައިނުވާނެ ކަމަށް ބުނެ ޖަވާބު ދީފައިވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެހިސާބުން ފިނޭންސް މިނިސްޓްރީން ވެސް ބޯޓު ފަޅުން ނެގުމުގެ މަސައްކަތް ޕާކަވަންއާ ހަވާލުކުރުމުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެ މިނިސްޓްރީގެ ޓީމެއް ގްރޭޓާ މާލެއަށް ފޮނުވައި އިންކުއަރީއެއް ހަދައި ރިޕޯޓެއް ތައްޔާރުކުރި ކަމަށެވެ. އަދި އެ ރިޕޯޓް، ޕްރައިވަޓައިޒޭޝަން ބޯޑަށް ފޮނުވުމުން އެތަނުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އޭގެ އިތުރުން ޕްރައިވަޓައިޒޭޝަން ބޯޑުން އެ މައްސަލައިގެ ހާއްސަ އޮޑިޓެއް ކޮށްދިނުމަށް އެދި އޮޑިޓާ ޖެނެރަލްގެ އަރިހުގައި އެދިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާ ހިސާބުން ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަަބީބް އެއްސެވީ "ތަސައްރަފް" ކުރުމަކީ ނައްތައިލުމުގެ ގޮތުގައި މާނަ ކުރައްވަނީ ކީއްވެތޯ އިބޫގެ ކައިރިން އައްސަވައިފައެވެ.
އޭގެ ޖަވާބުގައި އިބޫ ވިދާޅުވީ، އެއީ އަރަބި ބަހެއް ކަމަށާއި އެ ބަސް އޭނާއަށް މާނަކޮށްދެއްވީ އެމައްސަލަ ކުންފުނިން ކޯޓަށް ވެއްދިއިރު ހުންނެވި އަރަބި ބަހަށް ފަރިތަ ގާނޫނީ ވަކީލު ކަމަށެވެ. އިބޫ "ތަސައްރަފް" މާނަކުރައްވާ ގޮތަށް އެއްބަސްވެވަޑައިގަތީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)އެވެ.