ޚަބަރު

ރައީސް ފިޝަރީސް އެކްސްޕޯ ހުޅުއްވައިދެއްވައިފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ، ފިޝަރީޒް އެކްސްޕޯ ހުޅުއްވައި ދެއްވައިފިއެވެ.

އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މި އެކްސްޕޯގެ މަގުސަދަކީ މަސްވެރިކަމުގައި ބޭނުންކުރާ ތަފާތު އާލާތްތަކާއި ވަސީލަތްތަކާއި އާ ޓެކްނޮލިޖީތަކުގެ އިތުރުން މަސްވެރިކަމުގައި ބޭނުންކުރާ އެކިއެކި ސާމާނުތައް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އެއްފުރާޅެއްގެ ދަށުން ދައްކާލުން ކަމަށެވެ.

އެގޮތުން ކުންފުނިތަކުގެ މަހުގެ އެކި އުފެއްދުންތައް އެއްތަނަކުން ދައްކާލުމަކީ ވެސް ފިޝަރީޒް އެކްސްޕޯގެ މަގުސަދެއް ކަމަށް ވިދާޅުވިއެވެ.

މިއީ ފިޝަރީޒް އެކްސްޕޯ ބާއްވާ ތިން ވަނަ އަހަރެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލެ، ހުރަވީ ސުކޫލުގައި ކުރިއަށްދާ މިއަހަރުގެ އެކްސްޕޯގައި ޖުމްލަ 14 ފަރާތަކުން ބައިވެރިވެފައިވެއެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އެކްސްޕޯގައި ބޭރުގެ އެއް ކުންފުންޏަކުން ވެސް ބައިވެރިވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެކްސްޕޯ ހުޅުއްވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރު ޒަހާ ވަނީ އެކްސްޕޯ ބައްލަވާލައްވައިފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މިއަދު ޒުވާނުންނަށް ހާއްސަކޮށްގެން ދޮށީގެ މަސްވެރިކަން ތަޖުރިބާ ކުރުމަށް "ޒުވާނުންގެ ދޮށީގެ މަސްދަތުރު" ވަނީ ފަށައިފައެވެ. މިއީ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ފުރަތަމަ ހަރަކާތެވެ. މި ދަތުރު ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

މިއަދު ހުޅުވިގެން ދިޔަ ފިޝަރީޒް އެކްސްޕޯއަކީ މަސްވެރިންގެ ދުވަހާ ގުޅިގެން ހިންގާ ދެވަނަ ހަރަކާތެވެ. އޭގެ އިތުރުން އަންނަ އާދިއްތަ އަދި ހޯމަ ދުވަހު މަސްވެރިންގެ ފޯރަމެއް ބާއްވަން ނިންމާފައިވާއިރު، މަސްކެނޑުމުގެ މުބާރާތެއް ވެސް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. އެހެންކަމުން މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފްލާ އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ.