ޚަބަރު

ރައީސް ޔާމީނަށް ކުރި ހުކުމާމެދު ބޭރުގެ ފަރާތްތަކުން ކަންބޮޑުވޭ: އިދިކޮޅު

އާނިފާ ހުސެއިން ސިރާޖް

އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިންގެ ހުކުމް ކުރުމުގައި ސަރުކާރުން ކަންކުރި ގޮތާމެދު ބޭރުގެ ފަރާތްތަކުގެ ކަންބޮޑުވުން އެބަހުރި ސަރުކާރުން ކަންކުރަމުންދާ ގޮތް ބޭރުގެ ފަރާތްތަކުން ބަލަމުންދާ ކަމަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ބުނެފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަމަށްބުނެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުންދަނީ އަޑު އުފުލަމުންނެވެ. އަދި އިދިކޮޅު ބައެއް ބޭފުޅުން ގެންދަވަނީ ބައިނަލްއަގްވާމީ ފަރާތްތަކަށް އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ ފަރާތްތަކަށް ދިނުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކޮލަމްބޯއަށް ކުރެއްވި ދެ ދުވަހު ދަތުރު ނިންމާލުމަށްފަހު ރޭ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ދަތުރާ ގުޅޭގޮތުން ރޭ އެއާޕޯޓުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތުދެމުން ސައީދު ވިދާޅުވީ، ދަތުރުގައި ކޮލަމްބޯގައި ރާއްޖެ ތަމްސީލުކުރާ ހުރިހާ މިޝަންއަކާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމުގައި ގޯސްތަކެއްއުޅޭ ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ގަބޫލުކުރާ ކަމަށާއި އަދި ޝަރީއަތް ގެންދިޔަ ގޮތާމެދު ހިންހަމަނުޖެހޭ ގިނަ ފަރާތްތަކެއް އެބަހުރި ކަމަށެވެ. އޭގެ އިތުރުން ހުކުމަށްފަހު ރައީސް ޔާމީން ބަހައްޓާފައިހުރި ގޮޅީގެ ހާލަތު ވަރަށް ދަށްވުމުގެ ކަންބޮޑުވުންތައް ވެސް ބައިނަލްއަގްވާމީ ފަރާތްތަކުން ފާޅުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ ރައީސް ޔާމީނުގެ ފަސް އަހަރުގެ ވެރިކަމުގައި ރާއްޖެއަށް 50 އަހަރުގެ ތަރައްގީ ގެނެސްފައިވާ ކަމަށާއި ނަމަވެސް އެވަރުގެ ރައީސަކަށް ގާނޫނު އަސާސީން ލިބިދޭ އެތައް ހައްގަކުން މަހުރޫމުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ކޮށްފައިވާ ހުކުމާމެދު ބޭރުގެ ވަރަށް ގިނަ މިޝަންތަކުގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.

"ރައީސް ޔާމީން ޖަލުގައި ހުންނެވީ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް. ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހެދިފައިހުރި ގާނޫނުތަކާ ހިލާފަށް. އެކަން އިންޓަނޭޝަނަލް ކޮމިއުނިޓީއާ މިދަނީ ވަރަށް ތަފުސީލުކޮށް ހިއްސާ ކުރަމުން. އަދި އަޅުގަނޑުމެން އަކަން ހިއްސާކުރުމުގެ ކުރިން ވެސް ވަރަށްގިނަ މިޝަންތައް ހާއްސަކޮށް ރައީސް ޔާމީންގެ މައްސަލައާމެދު ކަންބޮޑުވުންތައް އެބަހުރި. އެބޭފުޅުން ދަނީ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޔާމީނާ މެދު ކަންތައް ކުރެވޭ ގޮތް ވަރަށް ގާތުން ބަލަމުން. އަދި އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކުން ވެސް އެކަން ވަރަށް ގާތުން އެބަ ބަލާ," ޝިޔާމް ވިދާޅުވިއެވެ.