އިރާނުގެ ދިދަ ނެގި ބޯޓަކުން 70 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
އިންޑިއާގެ ކޯސްޓްގާޑާއި ރާއްޖެ އަދި ސްރީ ލަންކާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އީރާނުގެ ދޯންޏެއް ކަމަށްވާ "އަލްޝަބާބު" ދޯނިން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް އެހީތެރިވާންދިޔަ "ހެދޭކުރި" ނަމަކަށް ކިޔާ ދިވެހި މަސް ދޯންޏެއް ވެސް އަތުލައިގަތެވެ. އަދި އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ.
ޕީޖީ އޮފީހުން އިއްޔެ ބުނީ އީރާން ބޯޓެއްގައި ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދެ ދައުވާއެއް އުފުލައި ކުރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. އެމީހުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ "ހެދޭކުރި" ދޯނިން ހަތަރު ފިރިހެނަކާއި "އަލްޝަބާން" ދޯނިން ހަ މީހެއްގެ އިތުރުން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ތިން މީހަކާއެކު ޖުމްލަ 13 މީހުން ހައްޔަރުކޮށްފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، އެ މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ތިން މީހެކެވެ. އެއީ:
* އަލީ އަންވަރު މުހައްމަދު (35އ) / ކޯޒީކޯނާ، ސ. ހިތަދޫ
* އަހްމަދު ޝަކީބް (42އ) / މާތިލަ، ކ. ދިއްފުށި
* މުހައްމަދު ރިޝްފާން (23އ) / ތުނޑި، މިލާނޯ، ލ، ގަން
"ހެދޭކުރި" ދޯނިން ހައްޔަރުކުރި ހަތަރު މީހުންނަކީ
* އާދަމް މިސްބާހް (39އ) / އިރުމަތީގެ، ކ. ދިއްފުށި
* މުހައްމަދު އިނާޝް (22އ) / ތުނޑި، އިޓްޖެހިގެ، ލ. ގަން
* އަލީ އަހްމަދު (24އ) / ބަންގްލަދޭޝް
* ތުހުން (36އ) / ބަންގްލަދޭޝް
އީރާންގެ "އަލްޝަބާން" ބޯޓުން ހައްޔަރުކުރި މީހުން:
* ފަކީރު (50އ) / އިރާން
* އީސާ ސުލައިމާން (26އ) / އިރާން
* އިސްމާއިލް އިބްރާހިމް (50އ) / އިރާން
* ނަވީދު (30އ) / އިރާން
* ސާޖިދު (50އ) / އިރާން
* އަލީ ރާޖާ (19އ) / އިރާން
މަސްތުވާތަކެއްޗާއެކު ދަތުރު ކުރި އީރާނުގެ މި ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 ނޯޓިކަލް މޭލު (27.5 ނޯޓިކަލް މޭލު، ރާއްޖޭގެ އީއީޒެޑްގެ އެތެރެއިން) ބޭރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުންނެވެ. އަދި އެ ބޯޓުން ފެނުނު 70 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.