ޚަބަރު

މާއެނބޫދޫ ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރު ކުއްލި ގޮތަކަށް މަރުވެއްޖެ

އާނިފާ ހުސެއިން ސިރާޖް

ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ހަމައެކަނި ޑޮކްޓަރަށް ހާޓް އެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

މާއެނބޫދޫ ކައުންސިލުގެ ރައީސް އިބްރާހިމް ސިރާޖު މިއަދު "ވަން" އަށް ވިދާޅުވީ، ބަންގުލަދޭޝްއަށް ނިސްބަތްވާ އެ ޑޮކްޓަރު މިއަދުގެ މެންދުރު 12:40 ހާއިރު ހޮސްޕިޓަލަށް ގެނައި އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެނެސް ހެދި ޓެސްޓުތަކުން އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އޭނާ އަކީ މާއެނބޫދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ހަމައެކަނި ޑޮކްޓަރު ކަމުން، އޭނާ މަރުވެގެން މަރުކަޒަށް ގެނައުމުން ޗެކަޕް ހެދުމަށް ޑޮކްޓަރެއް ގެނައީ ކުޑަހުވަދޫއިންނެވެ. އަދި ޑޮކްޓަރުގެ ހަށިގަނޑު މިހާރު އޮތީ ކުޑަހުވަދޫގައި ކަމަށް އޭނާ ވިދާޅުވިއެވެ.