ޚަބަރު

ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށާއި ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ތުރުކީން އެހީވަނީ

ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށާއި ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ރާއްޖެއަށް އެހީތެރިކަން ދެއްވާނެ ކަމަށް ތުރުކީގެ ހޯމް މިނިސްޓަރު ސުލޭމާން ސޮއިލޫ ވިދާޅުވެއްޖެއެވެ.

ތުރުކީގެ ހޯމް މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތުރުކީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެބޭފުޅުން ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ރާއްޖޭގެ ހޯމް މިނިސްޓަރަކު ތުރުކީގެ އިންޓީރިއާ ވަޒީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަރެވެ.

ތުރުކީގެ ހޯމް މިނިސްޓްރީގައި ތުރުކީގެ ހޯމް މިނިސްޓަރާއި މިނިސްޓަރު އިމްރާން ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

ހޯމް މިނިސްޓްރީން ބުނީ، ފުލުހުން ހިދުމަތް ފުޅާކޮށް ތަރައްގީކުރުމާއެކު އިތުބާރު ހޯދާ ދެމެހެއްޓުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ހާއްސަކޮށް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށާއި އެގޮތުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާއި އިންސާނީ ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް ޖަލުތަކުގެ ހާލަތު ބައްޓަންކޮށް، ޖަލަކީ އަދަބުދޭ ތަނެއްގެ ބަދަލުގައި އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރޭ ތަނަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

އޭގެ އިތުރުން ޖަލު އޮފިސަރުން ތަމްރީނު ކުރުމަށް ވެސް ގިނަ ޕްރޮގްރާމްތަކެއް މިދައުރުގެ މިހާތަނަށް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މާލެ ޖަލުގެ އެނެކްސް އެކެއް ވަނީ އަލުން މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ގެނެސްފައެވެ. އަދި ދޫނިދޫ ޖަލުގެ ބައެއްވެސް އަލުން ހެދުމަށް މިހާރު ވަނީ ތަޅާލައިފައެވެ.