ޚަބަރު

މޯދީ ރާއްޖެ ވަޑައިގަތުމަށް ފުރާވަޑައިގެންފި

އަހުމަދު ޖައިޝަން

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަންނަވަން ފުރާވަޑައިގެންފި އެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ މޯދީ ރާއްޖެ ވަޑައިގަތުމަށް ފުރާވަޑައިގެންފައިވާ ކަން މީގެ އިރުކޮޅެއް ކުރީން ހާމަކޮށްފައެވެ.

މިއަދު ހަވީރު 1700 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަންނަވާއިރު އެއީ ތާރީހީ ދުވަހެއް ކަމަށް ދެ ގައުމުންވެސް ފާހަގަކުރައްވައެވެ.

އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިޔާ ދީދީ މީގެކުރީން ވިދާޅުވީ މޯދީ ރާއްޖެ ވަޑައިގަތުމަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާއި އެކުވެރި ކަމަށް އާ ފެށުމެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މޯދީ ރާއްޖެ ވަޑައިގަތުމުގެ ކުރީން ވަނީ އެމަނިކުފާނުގެ އެޑްވާންސް ޓީމްގެ އިތުރުން ސީކްރެޓް ސާވިސްގެ ޓީމެއްވެސް ރާއްޖެ އައިސްފައެވެ.