ޚަބަރު

ކޮންމެ ގައުމެއްގައި އުޅުނަސް، ދިވެހިންގެ ދަތިތައް ހައްލުކޮށްދިނުމުގައި ތަފާތެއް ނުކުރާނެ: ނައިބު ރައީސް

އާނިފާ ހުސެއިން ސިރާޖް

ކޮންމެ ގައުމެއްގައި ދިރިއުޅުނު ނަމަވެސް ދިވެހިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމުގައި މި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޓްރިވެންޑުރަމްގައި ދިރިއުޅޭ ދިވެހިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްރިވެންޑުރަމްގައި ހުންނަ ހޮޓެލް އެޕޯލޯގައި ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކޮންމެ ގައުމެއްގައި ދިރިއުޅުނު ނަމަވެސް ދިވެހިން ވާންޖެހޭނީ އެގައުމެއްގެ ގާނޫނުތަކާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާބަޔަކަށް ކަމަށެވެ. އަދި ދިވެހިންނަކީ ބޭރު ގައުމެއްގައި ދިރިއުޅުނު ނަމަވެސް އެގައުމެއްގެ ބަޔަކާ ގުޅިގެން ދިރިއުޅޭ ބައެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ފަސޭހައަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން އަންނަކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށާއި ބޭސްފަރުވާއަށް އެގައުމަށްދާ ދިވެހިންނަށް ދިމާވާ ދަތި އުނދަގޫތައް ހައްލުކުރުމުގައި މި ސަރުކާރު ވެރިކަމަށް އައިފަހުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މިސަރުކާރު ދެމި އޮންނާނީ އަބަދުވެސް ރައްޔިތުންނަށް ދަތިވާކަންކަން ހައްލުކޮށްދިނުމުގައި ކަމަށާއި، އެގޮތުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ވެސް އިސްތިސްނާ ނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނަމަވެސް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ދާއިރާތައް ހުރިންކަން ފާހަގަކުރައްވަމުން ދަރިންނަށް ތައުލީމުދީ، ތަރުބިއްޔަތު ކުރާއިރު ކާބަފައިންގެ ފަރާތުން ވާސިލުވި ރިވެތި އަދަބުތަކުގެ މަތީގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަން ނައިބު ރައީސް ފައިސަލް ފާހަގަކުރެއްވިއެވެ. އަދި ތައުލީމުދިނުމުގެ ތެރެއިން، ދަރިންނަކީ މަސައްކަތްތެރި ބަޔަކަށް ހެދުމަށް އިސްކަމެއްދިނުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.