ބޮޑު ބަޖެޓުގެ ބާރުވެރިކަން ކައުންސިލަށް މިއަދު މަގު ފަހިވެ، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށަ އެޅިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓަށް 366 މިލިޔަން ރުފިޔާ މަޖިލީހުން އިތުރުކޮށް، 37.8 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާތީ އާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާތީ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށުގެ އިހުތިސާސް ކަނޑަ އެޅި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަަށައެޅިއްޖެ ކަމަށެވެ. އަދި ބޮޑު ބަޖެޓުގެ ބާރުވެރިކަން ކައުންސިލުތަކަށް މިއަދު ފަހިވެއްޖެ ކަމަށާއި އެހެންކަމުން އެންމެ ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"ބޮޑު ބަޖެޓުގެ ބާރުވެރިކަން ކައުންސިލު ތަކަށް މިއަދު މަގު ފަހިވެއްޖެ. އަންހެނުންނަށް 3/1 ކައުންސިލް ގޮނޑިތައް ކަށަވަރު ކޮށްދެއްވިއްޖެ. ކައުންސިލަރުންގެ އަދަދު އިތުރު ކުރެއްވިއްޖެ. ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރު ކުރެއްވިއްޖެ. ރަށްރަށުގެ ބިމުގެ ބިލްކުވެރިކަން އެ ރަށްރަށަށް ދެވިއްޖެ،" ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ ބޭފުޅުން އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޕާޓީ ސެކްރެޓޭރިއޭޓުން އަދި އެޖެންޑާ19 ކޮމިޓީ އާއި ބިލުގެ މަސައްކަތް ކުރެއްވި އެންމެ ބޭފުޅުންނަށް މަރުހަބާ ދަންނަވައިފައެވެ.
މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 76 މެންބަރުންގެ އިއްތިފާގުން ފާސްކުރި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ދިނުމަށް ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޑޮމެސްޓިކް ބަޖެޓުގެ ފަސް އިންސައްތަ ކައުންސިލުތަކަށް ދިނުމަށް ހިމަނާފައިވެއެވެ. އެގޮތުން މިއަދު މަޖިލީހުން ފާސްކުރި 2020 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލުތަކަށް ދިނުމަށް 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި އިތުރަށް ބުނެފައިވަނީ 3،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށު ކައުންސިލަކަށް ފަސް ކައުންސިލް މެންބަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށާއި އޭގެ ތެރެއިން ދެ ބޭފުޅުން ވާންޖެހޭނީ އަންހެން ބޭފުޅުންނަށް ކަމަށެވެ. އަދި 3،000 އަށްވުރެ މީހުން ގިނަ އާބާތީތަކަށް ހަތް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށާއި އޭގެ ތެރެއިން ދެބޭފުޅުން ވާންޖެހޭނީ ތިން އަންހެން ބޭފުޅުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދަކަށް ރަޖިސްޓްރީގައި ތިބި ސިޓީތަކަށް ހަ މެމްބަރުން އިންތިހާބު ކުރަން ބުނެފައިވާއިރު، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ ސިޓީތަކަށް 10 މެމްބަރުން، 60،000 އަށް ވުރެ މަތީ އާބާދީގެ ސިޓީތަކުގެ ކައުންސިލަށް 18 މެމްބަރުން ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.