ޚަބަރު

"ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ގާނޫނު"ގެ ބިލު ރައީސް އޮފީހަށް ފޮނުވައިފި

އާނިފާ ހުސެއިން ސިރާޖް

ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއެކު ޑްރާފްޓްކުރުމަށްފަހު "ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ގާނޫނު"ގެ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މި ބިލަކީ، ދިރިއުޅުމަށްޓަކައި ގެދޮރު ކުއްޔަށް ދޫކުރުމާއި، ކުއްޔަށް ހިފުމާ ގުޅިގެން ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ މަސްލަހަތާއި ހައްގުތައް ބަޔާންކުރުމާއި، ކުއްޔަށްދޭ ތަންތަން ގިންތިކުރުމާއި، އެތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުއާމަލާތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމުގެ ގާނޫނީ އޮނިގަނޑު ތައާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.

"ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު" ގެ އިތުރުން "އެއްމެދު އިމާރާތުގެ ޤާނޫނު"ގެ ބިލުވެސް މި ހަފުތާގެ ތެރޭގައި ރައީސް އޮފީހަށް ފޮނުވާފައި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނީ ސަރުކާރުގެ ފަރާތުން ހުށަހަޅާ އެއްމެދު އިމާރާތުގެ ބިލަކީ، ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ އަދި ބިނާކުރަން ގަސްތުކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށާއި، އެއްމެދު އުސޫލުން ބިމާއި އިމާރާތް އަދި އެއްމެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކު ކުރުމުގެ ހަމަތައް އެކުލަވާލުމާއި، އެ ޔުނިޓްތައް ގަނެވިއްކައި، އެއްމެދު އިމާރާތެއް ގޮތުގައި ރަޖިސްޓަރީކުރާ ބިމާއި އިމާރާތުގެ އާންމު ސަރަޙައްދުތައް (ކޮމަން އޭރިއާސް) ބަލަހައްޓައި، ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ތައާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.

އެގޮތުން މި ބިލުތައް މަޖިލީހުން ފާސްވުމުން، ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޭ ފަރާތުގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެ ކަމަށާއި އަދި އެއްމެދު އިމާރާތްތައް ރަޖިސްކޮށް ބޭނުންކުރުމާއި ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.