ޚަބަރު

ސްރީލަންކާގެ ރައީސް އަދި ބޮޑުވަޒީރާ މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވައިފި

ސްރީލަންކާގެ އާ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކޮޅުނބުގައި ވަކިވަކިން ބޭއްވެވި މި ބައްދަލު ކުރެއްވުންތަކުގައި މިނިސްޓަރު ޝާހިދު ވަނީ ލަންކާގެ ރައީސް އަދި ބޮޑުވަޒީރުގެ އިތުރުން ހާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނައާ ބައްދަލު ކުރައްވައިފައެވެ.

ރައީސް ގޯތާބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާއެކު މިނިސްޓަރު ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުން ސްރީލަންކާގެ ރައީސްއަށާ އެގައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.

އޭގެ އިތުރުން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމާއި ގުޅޭ ގޮތުން އެބޭފުޅުންނާ މަޝްވަރާކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް ސްރީލަންކާ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު އެރުވިއެވެ.

ހާއްސަކޮށް ރައީސް ގޯތާބަޔަގެ ވެރިކަމުގައި ދެގައުމުގެ އިތުރަށް ހަރުދަނާވެގެން ދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ފޮރިން ރިލޭޝަންސް މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ މިނިސްޓަރު ގުނަވަރުދަނަ މަގާމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދެގައުމުގެ ގުޅުން އިތުރު ހަރުފަތަށް ކުރިއަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ.

މި ބައްދަލުވުންތަކުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ހަދީޖާ ނަޖީހާ ބައިވެރިވެ ވަޑައިގެންނެވިއެވެ.