މާލޭގެ ސްކޫލުތަކުގެ ޓީމުތަކަށް ޕާކިސްތާނުން ކްރިކެޓް ސާމާނު ހަދިޔާކުރަން ނިންމައިފިއެވެ.
ޕާކިސްތާން ސަރުކާރުން މާލޭގެ ސްކޫލުތަކުގެ ޓީމުތަކަށް ހިލޭ ކްރިކެޓް ސާމާނު ދިނުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ މިއަދު ޕާކިސްތާން އެމްބަސީން އެޑިއުކޭޝަން މިނިސްޓްރީއަށް 69 ލެޕްޓޮޕް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާން ސަފީރު ރިޓަޔާޑް ވައިސް އެޑްމިރަލް ވަސީމް އަކްރަމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕާކިސްތާން ސަފީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ކްރިކެޓް ޓީމުތައް ބޭނުންކުރާ ޖާޒީއާއެކު ގިއާތައް ވެސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިއަހަރުގެ ތެރޭގައި ސްކޫލުތަކުގެ ޓީމުތަކަށް ހަދިޔާކުރާ ސާމާނުތައް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާ ހަވާލުކުރާނެ ކަމަށާއި އަދި އެ ސާމާނުތައް ސްކޫލުތަކާ ހަވާލުކުރާނީ ރާއްޖޭގެ ކްރިކެޓް ބޯޑުން ކަމަށް ވެސް ސަފީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އިންޑިއާ އިން ވެސް އަންނަނީ ރާއްޖޭގެ ކްރިކެޓުގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޑިއާ އިން ވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އެޅުމަށް އެއްބަސްވެފައެވެ. ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ހަތަރު މަޝްރޫއެއް ފައްޓަވައިދެއްވުމަށް ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެއްކެވި ވާހަކަފުޅުގައި ވެސް ނަރެންދްރަ މޯދީ ވަނީ ކްރިކެޓް ސްޓޭޑިއަމްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ގައުމީ ފިރިހެން އަދި އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ޓްރެއިނިންގެ ފުރުސަތު ދިނުމަށް ވެސް އިންޑިއާ އިން ނިންމާފައިވެއެވެ. މިހާރު ނޭޕާލުގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ގޭމްސްއަށްފަހު ގައުމީ ޓީމުތަކުގެ ކުޅުންތެރިން އިންޑިއާއަށް ފުރާނެއެވެ. އޭގެ އިތުރުން މިދިޔަ މަހު އިންޑިއާގެ އެހީގައި ރާއްޖޭގެ ކޯޗުންނަށް ލެވަލް ދޭއްގެ ޓްރެއިނިން ކޯހެއް ކުރިއަށްގެންގޮސްފައިވާ އިރު، ރާއްޖޭގެ 23 އަމްޕަޔަރުން ތަމްރީނުކުރުމަށް މިދިޔަ މަހު ލެވެލް ދޭއްގެ ޓްރެއިނިން ކޯސްތަކެއް ކުރިއަށްގެންދިޔައެވެ.