ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން ހުޅުމާލޭގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
ހުޅުމާލޭގައި މަގު ބައްތި ޖަހަން ފަށާފައި މިވަނީ، އެ އަވަށުގެ މަގެއްގެ މަތީގައި ރަހުމުކުޑަ ގޮތެއްގައި މަރާލާފައި އޮތް މީހަކު ފެނުމާ ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ މަރާލާފައި އޮއްވާ ފެނުނީ އާންމުކޮށް އަދިރިކޮށް އޮންނަ ހިސާބެއްގައެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރޭ ހިނގިފަދަ ހިތާމަވެރި ހާދިސާތައް ހުޅުމާލޭގައި މަދު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ކޯޕަރޭޝަނަށް ފާހަގަކުރެވޭ މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
މަގު ބައްތި ހަރުކުރުމުގެ އިތުރުން ފުލުހުންނާ ގުޅިގެން ހުޅުމާލޭގެ ރައްކާތެރިކަން އިތުރު ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުގައި މުޅިއަކު 48 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާއިރު އޭގެތެރެއިން 25 ކެމެރާ ފުލުހުންނާ ހަވާލު ކުރެވި، ފުލުހުންނަށް ފެންނަ އެންމެ ރަނގަޅު ސަރަހައްދުގައި ހަރުކޮށްފައި ކަމަށް އެޗްޑީސީން ބުނެއެވެ.
އޭގެ އިތުރުން އާންމުންގެ ކަންކަން ބެލުމަށް އާންމުނަށް ހާއްސަކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން ފާކުތަކާއި ބައެއް ޕާކިން ޒޯނުތަކުގައި 23 ކެމެރާއެއް ހަރުކޮށްފައިވާނެ ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކޯޕަރޭޝަނުން ބުނީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން ފަހިކޮށްދިނުމަށް އެ ކޯޕަރޭޝަނުން އެކި އިދާރާތަކާ ގުޅިގެން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.