ޚަބަރު

ގައުމީ ކެޑޭޓް ކޭމްޕަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ގައުމީ ކެޑޭޓް ކޯގެ ސުޕްރީމް ކޮމާންޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ގިރިފުށީގައި މިހާރު ކުރިއަށްދާ 21 ވަނަ ގައުމީ ކެޑޭޓް ކޭމްޕަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ކޭމްޕު ކުރިއަށްދާގޮތް ބައްލަވާލައްވައި، ކޭންޕުގެ ތެރެއިން ކެޑޭޓުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައެއް ކްލާސްތައް ކުރިއަށްދާގޮތް ވެސް ބައްލަވައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މިދޔަ އާދިއްތަ ދުވަހު ފެށި މިއަހަރުގެ ގައުމީ ކެޑޭޓް ކޭމްޕު ކުރިއަށް ދާނީ މިމަހުގެ 12 ގެ ނިޔަލަށް އެމްއެންޑީއެފްގެ ގިރިފުށީ ޓްރެއިނިން ސެންޓަރުގައެވެ. މި ކޭމްޕުގައި 32 ސްކޫލަކުން 118 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އޭގެ އިތުރުން، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭޖް ޕްރޮގްރާމްގެ ދަށުން މިއަހަރުގެ ކެޑޭޓް ކޭމްޕުގައި ހަތަރު ގައުމަކުން 16 ކެޑޭޓުންނާއި ހަތަރު އޮފިސަރުން ބައިވެރިވެފައިވާ ކަމަށާއި އެ ގައުމުތަކަކީ ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލު ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ގައުމީ ކެޑޭޓް ކޭމްޕަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޒިޔާރާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.