ޚަބަރު

ކައުންސިލަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް ނުލިބޭގޮތަށް ބިލް ފާސްކޮށްފި

އިބްރާހިމް ޒަކީ

ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ބަދަލުކޮށް، ރައްޔިތުންގެ މަޖިލިހަށް އެ ބާރު ނުދޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލް ލާމަރުކަޒީ ކޮމިޓީން އިސްލާހުކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅިއިރު، ކައުންސިލަރެއްގެ މައްސަލައެއް އޮތް ނަމަ އެލްޖީއޭ އިން އެކަން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގައި ނަގާ ވޯޓަކުން އެ ކައުންސިލަރަކު މަގާމުން ވަކިކުރެވޭނެ ކަމަށް ވަނީ ހިމަނައިފައެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުންދިޔައެވެ. އެ ބޭފުޅުން ވިދާޅުވީ އެއީ ކައުންސިލްތަކަށް މަޖިލީހުން ބާރު ފޯރުވުން ކަމަށާއި އެކަން ކުރެވިގެން ނުވާނެ ކަމަށެވެ.

ގިނަ ބައެއްގެ އެ ކަންބޮޑުވުމާއެކު މިއަދު ބިލް މަޖިލީހުން ފާސްކުރިއިރު ބިލުން އެބައި ވަނީ އުނިކޮށްފައެވެ. އޭގެ ބަދަލުގައި ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން އިހުމާލުވުމާއި، ގާނޫނީ އިމުގެ ބޭރުން ބާރުގެ ބޭނުން ކުރުމާއި އުސޫލުން ބޭރުވެއްޖެނަމަ މިނިސްޓަރުގެ ލަފާގެ މަތިން މައްސަ ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވާމަންޓް އޮތޯރިޓީ އަށް ދިނުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

އެބާރުތައް އެލްޖީއޭއަށް ދޭން ބިލުގައި ހިނެނި އިރުވެސް ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ވަކި ކުރުމުގެ ބާރެއް އެފަރާތަށް ދީފައެއް ނުވެއެވެ. ހަމައެކަނި ދީފައިވަނީ 30 ދުވަހަށް ސަސްޕެންޑް ކުރުމުގެ ބާރެވެ.

މި ބިލުގައި ހިމަނާފައިވަނީ ތިންހާސް މީހުންނަށްވުރެ އާބާދީ މަދު ރަށްތަކަށް ފަސްކައުންސެލަރުން، އަދި 3000 އަށްވުރެ މަތީ އާބާދީތަކަށް ހަތް ކައުންސެލަރުން އިންތިހާބު ކުރަންޖެހޭ ގޮތަށެވެ.

ފަސް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭ ކައުންސިލްތަކުން ދެ ކައުންސިލަރުން ވާންޖެހޭނީ އަންހެން ބޭފުޅުންނަށް ކަމަށާއި ހަތް ކައުންސިލަތުން އިންތިހާ ބު ކުރަންޖެހޭ ކައުންސިލްތަކުގައި ތިން އަންހެން ކައުންސިލަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށްވެސްް ބިލުގައި ބުނެފައިވެއެވެ.

އަދި 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދަކަށް ރަޖިސްޓްރީގައި ތިބި ސިޓީތަކަށް ހަ މެމްބަރުން އިންތިހާބު ކުރަން ވާނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ ސިޓީތަކަށް 10 މެމްބަރުން، 60،000 އަށް ވުރެ މަތީ އާބާދީގެ ސިޓީތަކުގެ ކައުންސިލަށް 18 މެމްބަރުން ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.