ޚަބަރު

ދެކުނުގެ ރަށެއްގައި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ދެކުނުގެ ރަށެއްގައި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ހަތަރު މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދެކުނުގެ ރަށެއްގެ ޒިންމާދާރު މަގާމެއްގައި ހުރި 51 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް މިއަދު ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެމީހާއާ ދެކޮޅަށް ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ހަތަރު މައްސަލައިގެ ތެރެއިން، ޖިނާއީ ކުށެއްގެ ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތުމުގެ ސަބަބުން ތަހުގީގަށް އެއް މައްސަލަ ވަނީ ފައިލް ކޮށްފައެވެ.

އަދި އަނެއް ތިން މައްސަލަ ވަނީ ތަހުގީގު ފުރިހަމަ ކުރުމަށްފަހު، ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް މިއަދު ފޮނުވާފައި ކަމަށާއި އޭގެ ތެރެއިން މިހާރު ކޯޓުގައި ޝަރީއަތް ފެށިގެން ކުރިއަށްދާ މައްސަލައަކާއި އިތުރު އެހެން މައްސަލައެއް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޝަރީއަތް މިހާރު ކުރިއަށްދާ މައްސަލައިގައި ޝަރީއަތް ނިމެންދެން އޭނާ ރިމާންޑު ޖެލެއްގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ކަމަށާއި އެހެންކަމުން އޭނާ މިއަދުގެ ޝަރީއަތަށްފަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.