ޚަބަރު

ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުގެ މުވައްޒަފުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ނައިބު ރައީސް ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ޒިޔާރަތްކުރެއްވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިވެހި ކޮންސިއުލޭޓަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް އެތަނުން މަރުހަބާ ދެންނެވީ ކޮންސިއުލޭޓުގެ ޑެޕިއުޓީ ކޮންސުލް އިބްރާހީމް ސައީދު މުހައްމަދެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި ކޮންސިއުލޭޓުގެ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވައި ކޮންސިއުލޭޓުން ދިވެހިންނަށް ފޯރުކޮށްދެއްވާ ހިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ހޯއްދަވައި އެތަނުގެ އިސްވެރިންނާ މަޝްވަރާކުރެއްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ކޮންސިއުލޭޓުގެ އިމާރާތްވެސް ބައްލަވައިލައްވައިފައެވެ.

އޭގެ އިތުރުން ނައިބު ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ވަނީ އެ ގައުމުގެ ނިމްސް ހޮސްޕިޓަލަށްވެސް ޒިޔާރަތް ކުރައްވައި، އެ ހޮސްޕިޓަލުން ބޭސްފަރުވާގެ ހިދުމަތް ހޯދުމަށްޓަކައި ގޮސް އުޅޭ ދިވެހިންނަށް ހުރި ފަސޭހަތަކާއި ދޭ ހިދުމަތްތަކުގެ މައުލޫމާތު ހޯއްދަވައިފައެވެ.