ޚަބަރު

29 ދަރިވަރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ތަމްރީނުކޮށްފި

ތާޖުއްދީން ސްކޫލުގެ 29 ދަރިވަރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ތަމްރީންކޮށްފިއެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓާއި އިންޓަރނަލް ސެކިއުރިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހުގައެވެ. އަދި އެ ޕްރޮގްރާމް ނިންމާލުމަށްފަހު ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އެ ޕްރޮގްރާމްގައި މަގުމަތީގެ އަދަބުތަކާއި އެއްގަމު ދަތުރުފަތުރާ ބެހޭ ޤާނޫނާއި ޤަވާއިދުތަކާއި، މުއާމަލާތް ކުރުމުގެ ހުނަރުތަކާއި ސެލްފް ޑިފެންސާއި ގުޅޭގޮތުން ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފައެވެ.

ތާޖުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަކީ އެކި ގްރޭޑްތަކުގެ ދަރިވަރުންނެވެ.