ޚަބަރު

3000 އިން ދަށް ނަމަ ފަހެއް، މަތިނަމަ ހަތް ކައުންސެލަރުން ތިބޭގޮތަށް ފާސްކޮށްފި

އިބްރާހިމް ޒަކީ

ތިންހާސް މީހުންނަސްވުރެ އާބާދީ މަދު ރަށްތަކަށް ފަސްކައުންސެލަރުން، އަދި 3000 އަށްވުރެ މަތީ އާބާދީތަކަށް ހަތް ކައުންސެލަރުން އިންތިހާބު ކުރަންޖެހޭގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލުގައި ކައުންސިލް ތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހިމަނާފައިވާއިރު، ފަސް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭ ކައުންސިލްތަކުން ދެ ކައުންސިލަރުން ވާންޖެހޭނީ އަންހެން ބޭފުޅުންނަށް ކަމަށާއި ހަތް ކައުންސިލަތުން އިންތިހާ ބު ކުރަންޖެހޭ ކައުންސިލްތަކުގައި ތިން އަންހެން ކައުންސިލަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށްވެސްް ބިލުގައި ބުނެފައިވެއެވެ.

މިއީ މި ބިލު ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅިފަހުން، ތަޅުމުގައި މެންބަރަކު ހުށަހެޅުއްވި އިސްލާހެކެވެ. ބިލަށް މި އިސްލާހު ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ތާއީދު ކުރެއްވި މި އިސްލާހު ފާސްވީ 76 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މިއަދު ފާސްކުރި ބިލުން ތަށްތަކާއި އަތޮޅު ތަކާއި ސިޓީތައް ކުރިއަރުވަން ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.

އެކަމަށްޓަކައި ދައުލަތުގެ ބަޖެޓުންގެ ބޮޑުބައެއް ކައުންސިލްތަކަށް ވަނީ ހާއްސަ ކޮށްފައެވެ.

އެގޮތުން މި ބިލުގައި ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ދިނުމަށް ވަނީ ހިމަނައިފައެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓްގައި ހިމެނޭ ޑޮމެސްޓިކް ބަޖެޓުގެ ފަހެއް އިންސައްތަ ކައުންސިލް ތަކަށް ދިނުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މިއަދު މަޖިލީހުން ފާސްކުރި 2020 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދިނުމަށް 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

.