ކުޑަކުދިންތަކަކަށް ޖިންސީ ފުރައްސާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ގައުމީ ކުރިކެޓް ޓީމުގެ ކޯޗު އާސިފް ޚާންގެ މައްޗަށް ނުވަ ދައުވާއެއް އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ސައުތު އެފްރިކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާސިފް އަމީން ޚާން، އޭނާ ކޯޗު ކޮސްދިން ކުދިންތަކަކާމެދު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި އޭނާގެ މައްޗަށް ނުވަ ދައުވާއެއް ކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަަމަވެސް އާސިފް، 46، ގެ މައްޗަށް އުފުލާފައިވަނީ ކޮން ދައުވާތަކެއް ކަމެއް ނޭނގެއެވެ.
އާސިފް، ފުލުހުން ފުރަތަމަ ހައްޔަރުކުރީ ރާއްޖެއިން ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައި އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުދިންނާއި އަދި 18 އަހަރުން މަތީގެ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައެވެ.
ނަމަވެސް އޭނާ ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވުމުން ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރިއެވެ. އޭނާ ދޫވި ނަމަވެސް، އޭރު އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން ވަނީ މަނާކޮށްފައެވެ.
އެ މައްސަލާގައި އާސިފް ފަހުން ހައްޔަރުކުރީ ހައިކޯޓުގެ އަމުރެއްގެ ދަށުން ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އެއީ އެފަދަ އަމުރެއް ކުރިމިނަލް ކޯޓުން ނުލިބުމުން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އޭނާ ހައްޔަރުކުރަން ހުކުމް ކުރުމުންނެވެ.