މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޮޑްކޮމް)ގެ ރައީސްގެ މަގާމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ އަދި ނައިބު ރައީސަކަށް އަހްމަދު ގައިސް އިންތިހާބުކޮށްފިއެވެ.
ބްރޮޑްކޮމް އިން ބުނީ އެ ކޮމިޝަންގެ ރައީސްގެ މަގާމަށް މަރިޔަމް ވަހީދާ އަދި ނައިބު ރައީސްގެ މަގާމަށް އަހުމަދު ގައިސް އިންތިހާބުކޮށްފައިވާ ކަމަށެވެ. މި ދެބޭފުޅުންވެސް މަގާމަށް އިންތިހާބުކޮށްފައިވަނީ އަލަށް ބްރޯޑްކާސްޓިންގެ ކޮމިޝަނަށް އައްޔަން ކުރެވުނު މެމްބަރުންނާއެކު މިއަދު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
މީގެ ކުރިން ނައިބު ރައީސަކަށް ހުންނެވި އިސްމާއިލް ސޮފްވާން މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް އިންތިހާބުކޮށްފައިވަނީ ފާތިމަތު ޒައިނާއެވެ. ނަމަވެސް ފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ޒައިނާ، މެމްބަރުންކަމުން ވަކިކޮށްފައެވެ. އަދި މަޖިލީހުން ޒައިނާ ވަކިކުރުމުގެ ކުރިން ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާދެއްވުމާ ގުޅިގެން ދުވަސްތަކެއް ވަންދެން އެ ދެ މަގާމު ވެސް ވަނީ ހުސްވެފައެވެ.
ރައީސްކަމުގެ މަގާމަށް މަރިޔަމް ވަހީދާއާ ވާދަކުރެއްވީ ކުރިން ހަވީރު ނޫހާއި ރާއްޖެޓީވީގައި މަސައްކަތްކުރެއްވި އަލީ ޔޫސުފެވެ. މަރިޔަމް ވަހީދާއަށް ތިން ވޯޓު ލިބިވަޑައިގެންނެވި އިރު، އަލީ ޔޫސުފަށް ލިބިވަޑައިގެންނެވީ ދެ ވޯޓެވެ. އަދި އެއް ވޯޓު ވަނީ ބާތިލުވެފައެވެ.
މަރިޔަމް ވަހީދާއަކީ މީޑިއާގެ ދާއިރާގެ އެކި ރޮނގުން 20 އަހަރަށް ވުރެ ގިނަދުވަސްވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދައުލަތުގެ މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމުގެ އިތުރުން، ތަފާތު އެކި ޕްރޮގްރާމުތަކާއި ބޮޑެތި ހަފްލާތައް އަދި އިވެންޓުތައް ހުށަހަޅައިދޭ ފަރާތެކެވެ. އަދި އޭނާ ވަނީ ޕީއެސްއެމް ބޯޑުގެ މެމްބަރުކަންވެސް ކުރައްވައިފައެވެ.
މަރިޔަމް ވާހީދާ އާއި އަހުމަދު ގައިސްގެ އިތުރުން އަލީ ޔޫސުފް ބްރޮޑްކޮމްގެ މެމްބަރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.