ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، އިޔާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީގެ ތަރައްގީއަށް ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
އެ މަޝްވަރާތައް ކުރެއްވީ މިއަދު ހެނދުނު ރައީސް ސޯލިހުގެ އަރިހަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖަޕާނުގެ އާ އެމްޕެރަރ ރަސްމީގޮތުން ތަހުތައް އިސްކުރެއްވުމުގެ ހަފުލާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅުގައި ޖަޕާނުގެ ސަރުކާރުން ރައީސްގެ ދެކަނބަލުންނާ މެދު ބެހެއްޓެވި ގާތް ކަމަށާއި ދެއްވި އެއްބާރުލުމަށް ރައީސް ސޯލިހު ޝުކުރު ދެންނެވިއެވެ.
ޖަޕާނުގެ ސަފީރާއި ރައީށް ސޯލިހު ވަނީ މި ބައްދަލުވުމުގައި އިޔާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީ އަދި އިގުތިސާދީ ދާއިރާއިން ރާއްޖޭގެ ތަރައްގީއަށް ޖަޕާނުގެ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު ކުރިއަށް އޮތްތާނގައިވެސް އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.