ޚަބަރު

ސަރުކާރުގެ ފަރާތުން މަޖިލީހަށް ދިވެހި ފުލުހުންގެ ބިލެއް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި

މަރިޔަމް ޝަހުދާ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ދިވެހި ފުލުހުންގެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލް، އޭޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ''ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު''ގެ ނަމުގައި ބިލެއް އެކުލަވާލާ މަޖިލީހަށް ފޮނުވުމަށް ރައީސް އޮފީހަށް ފޮނުވާފައިވަނީ ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައެޅުމުގެ އިތުރުން ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހު ކުރުމަށް ކަމަށެވެ. އަދި މި ބިލު އެކުލަވާލަން ނިންމި ނިމުންމަކީ ފުލުހުންގެ ހިދުމަތުގެ އެންމެހާ ކަންކަން ރާއްޖޭގެ ގާނޫނާއި ގާނޫނުގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމާއެކު، ފުލުހުންގެ ހިދުމަތަކީ ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއް ކަމަށް ކަށަވަރު ކުރުމަށް ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކީ މިހާރު އަމަލު ކުރެވެމުން އަންނަ ފުލުހުންގެ ގާނޫނުގެބަދަލުގައި އާ ގާނޫނެއް ތައާރަފު ކުރުމަށް އެކުލަވާލި ބިލެއްކަމަށް އޭޖީ އޮފީހުން މައުލޫމަތު ދެއެވެ. އަދި މި ގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސާއި، އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތައް އަދި އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން އަލުން ކަނޑައެން ކަމަށް އޭޖީ އިން ބުނެއެވެ.

އޭޖީ އިން މި ބިލު ރައީސް އޮފީހަށް ހުށަހަޅާފައިވަނީ ފުލުހުންގެ ގާނޫނަށް ގެނައުމަށް ފެންނަ އެކި އިސްލާހުތަކާއެކު އެވެ. އެގޮތުން ފުލުހުންގެ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގެ ކަންކަން ހަރުދަނާކޮށް މަގާމުގެ ޝަރުތުތަައް ކަނޑައަޅަން ހުށަހަޅާފައިވާނެ ކަމަށް އޭޖީ އިން ބުނެއެވެ. އަދި ފުލުހުންގެ ޒިންމާތައް އަދާކުރުމުގައި، ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރު ބޭނުންކުރުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވަނީ ކަމާގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ އުސޫލުތަކުގެ ދާއިރާގެ ތެރޭގައިކަމަށް ފަދަ ކަންކަން އޭޖީ އިން މި ބިލުގައި ހުށަހަޅާފައިވެއެވެ.