ޚަބަރު

ޕާކިސްތާން ސަރުކާރުން އެޑިއުކޭޝަން މިނިސްޓްރީއަށް ލެޕްޓޮޕްތަކެއް ހަދިޔާކޮށްފި

މަރިޔަމް ޝަހުދާ

ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީން ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއަށް 69 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

އެކަމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ލެޕްޓޮޕްތަކާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ.އައިޝަތު އަލީއެވެ. ޕާކިސްތާނު އެމްބަސީގެ ފަރާތުން ލެޕްޓޮޕްތައް ހަވާލުކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޓަޔާޑް ވައިސް އެޑްމިރަލް ވަސީމް އަކުރަމެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި ޕާކިސްތާނު އެމްބަސީން މިނިސްޓްރީއަށް ތިން ފަހަރެއްގެ މަތިން ލެޕްޓޮޕް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ޕާކިސްތާނު އެމްބަސީން އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރި ކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ''ދުޅަހެޔޮ، ހަށިހެޔޮ'' ޝިއާރުގެ ދަށުން މިނިސްޓްރީ އިން ކުރިއަށްގެންދާ ހަރަކާތަށް އެހީވުމުގެ ގޮތުން، ޕާކިސްތާނު ސަފީރު ރާއްޖޭގެ ހުރިހާ ސުކޫލްތަކަކަށް ބޭނުންވާ ކުޅިވަރު ސާމާނު ހަދިޔާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފެށޭނީ އެ ތަކެއްޗާއެކު ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޕާކިސްތާނު ސަފީރު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ އެދިލެއްވުމުގެ މަތިން އެގައުމުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތައް އިތުރުކޮށްފައިވާނެ ކަމަށެވެ. އަދި އެޑިއުކޭޝަނަށް ހަދިޔާ ކުރުމަށް ތައްޔާރުވަމުން އަންނަ ކުޅިވަރު ސާމާނުތައް އަންނަ މަހުގެ ކުރީކޮޅު މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

އޭގެ އިތުރުން މާލޭގައި ކުޅޭ ހުރިހާ ކުރިކެޓް ޓީމުތަކަކަށް ''ކުރިކެޓް އެޓަޔާ'' ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޕާކިސްތާނު ސަފީރު މިއަދު ހާމަކުރެއްވިއެވެ. ސަފީރު ވިދާޅުވި ގޮތުގައި، މާލޭގެ ޓީމުތަކަށް ''ކްރިކެޓް އެޓަޔާ'' ހަދިޔާ ކުރުމަށް ނިންމާފައިވަނީ އިތުރު ޓީމަކުން އެކަމަށް އެދިފައިނުވާތީއެވެ. އަދި ހުރިހާ ''ކްރިކެޓް އެޓަޔާ''ތައް ކުރިކެޓު ބޯޑާ މިއަހަރު ނިމުމުގެ ކުރިން ހަވާލުކުރާނެ ކަމަށް ވިދާޅުވިއެވެ.