ޖުޑީޝަލް ސާވިސް ކޮމިޝަން

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

މުހައްމަދު ޝަހީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، މައްޗަން ގޮޅި ވޭސައިޑް ފްލެޓް 610، އަލްއުސްތާޒު އަލީ ސަމީރު މިއަދު އައްޔަން ކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އަލްއުސްތާޒު އަލީ ސަމީރު، ކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައެވެ.

މިރަސްމިއްޔާތުގައި ޖުޑީޝަލް ސަވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޒު އަލީ ސަމީރާ ވަނީ ހަވާލުކުރައްވާފައެވެ.

އަލްއުސްތާޛު ޢަލީ ސަމީރަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އާއިޝާ ޝުޖޫން މުހައްމަދެވެ.

ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޒު އަލީ ސަމީރު އެމަގާމަށް މި ހަމަޖެއްސެވީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.