އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކުރުން ލަސްވަނީ ތަހުގީގު ކުރަމުންދާތީކަމަށް ބުނެ ދެއްކޭނެ ހުއްޖަތެއް، ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވި ބައެއްް މެންބަރުން ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ފާހަގަކޮށްފައެވެ.
އެ މެންބަރުން ވިދާޅުވީ ދައުލަތުގެ އެތައް މިލިޔަން ރުފިޔާއަކުން ވައްކަން ކޮށްފައިވާއިރު އަދިވެސް އެ ފައިސާ ހޯދިފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ތުހުމަތު މަޖިލީޙުގެ ބައެއް މެންބަރުންނަށް ކުރާއިރު އެއީ ކޮން މެންބަރުންނެއްކަން ހާމަކޮށްފައި ނުވާތީ އެ ތުހުމަތު މަޖިލިސް ހުރިހާ މެންބަރުންނަށް ކުރެވޭކަންވެސް ވާހަގަ ކުރެއްވިއެވެ.
މި ކަމާ ގުޅިގެން ވާހަކަ ދަައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އެ މައްސަލައިގަިއ ތުހުމަތު ކުރަނީ ކޮން މެންބަރުންނަކަށްތޯ ސާފުވާން ޖެހޭ ކަމަށާއި، އެ ބޮޑު ހިޔާނާތުގެ ތަހުގީގު ނިިންމައި އެކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ދައުވާކުރުމަށް ފުލުހުންނާއި ކޮމިޝަނާއި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ބައިވެރިވަނީ ކޮން ބައެއްކަން ވަރަށް ސާފުކޮށް ފުލުހުންނާއި، އެޓާނީ ޖެނެރަލް އާއި އެސެޓް ރިކަވަރީ ކޮމިޝަނަށް އެނގޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޮޑު ހިޔާނާތުގެ މައްސަލައިގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް، އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ދެ ފޯނާއި ލެޕްޓޮޕް އެމްޑީޕީއަށް ލިބުނު ކަމަށެވެ. އަދި އެ ތަކެތި ފޮރެންސިކް އެކައުންޓެންޓަކާ ހަވާލުކޮށް ބޭރުގެ އިދާރާތަކަކާ ގުޅިގެން ކުރި ތަހުގީގުން އެކުލަވައިލި ރިޕޯޓް އޮތް ގޮތަށް، އެޓާނީ ޖެނެރަލްއާ ހަވާލު ކޮށްފައިވާ ކަމަށެެވެ. އަދި އެ ރިޕޯޓާއި މައުލޫމާތުތައް އެޓާނީ ޖެނެރަލް އެސެޓް ރިކަވަރީ ކޮމިޝަނާ ހަވާލު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެ ރިޕޯޓު ބެލުމުން، އެކަމާގުޅޭ މީހުންގެ ނަންތަކާއި އައިޑީކާޑު ކުޑަކޮށް ބަލައިލާ ޗެކް ކޮށްލަންވެސް ނުޖެހޭވަރަށް މަސައްކަތް ނިންމާފައިވާނެ ކަމަށެވެ.
އެ ހިޔާނާތުގެ މުއާމަލާތްތަކުގައި 73،000 ޓެކްސް ހިމެނޭ ކަމަށާއި އެހުރިހާ ޓެކްސްތޓް ވަކިން ލިޔެ އިނގިރޭސިބަހަަށް ތަރުޖަމާކޮށްފައިވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އޭނާއަކީ ކާކުތޯ މި ފޯނުނަންބަރަކީ ކާކުތޯ، މިޓެކްސްޓް އެދިޔައީ ކާކަށްތޯ، މުޅިންސާފުވެ މަޖިލީހުގެ ކޮންކޮން އިއްޒަތްތެރި މެންބަރުންނެއްގެ ފޯނުކޮޅު ތަކަށްތޯ ޓެކްސްޓްތައް ދިޔައީ. ކޮންކޮން މެންބަރުންނެއްތޯ ކުރީގެ ނާއިބު ރައީސާ ޓެކްސްޓުން މި މުއާމަލާތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަނީ މި އެންމެ މައުލޫމާތަކީ ވަރަށް ސާފުކޮށް އިނގިހުރި މައުލޫމާތު. ފުލުހުންނަކަށްވެސް އަދި އެހެން ބަޔަކަށްވެސް ނުދެންނެވޭނެ ތަހުގީގު ކުރަނީއެކޭ، އެހެންވީމަ ލަސްވަނީއެކޭ، މިވާހަކަ މިދައްކަނީ މިވާހަކަ ވަރަށްރަނަގަޅަށް އެނގިހުރި މީހެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.