އިބްރާހިމް ޒަކީ
ކުދި ކުދި ކުއްތަކުގައި ދިގު މުއްދަތަށް ހުކުމް އިއްވާފަ އާއި މަތި މައްޗަށް ހުކުމް އިއްވާފައި ދިގު މުއްދަތަށް ބަންދު ކޮށްފަތިބި، ޕެރޯލް ހައްގުވާ އެތައްބަޔަކު ޖަލުތަކުގައި އެބަތިބި ކަމަށާއި އެފަދަ މީހުންނަށް ޕެރޯލްގެ ފުރުސަތު ހޯދައި ދިނުމަށް، މިހާރު އޮތް ޕެރޯލް ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ލަފާދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ޖަލާއި ގޭ ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަމުންދާން ޖެހުމުން މިިނިވަންކަން ގެއްލިފައިވާ އެތައް ބަޔަކު، ކުށުގެ އަދަބަށް ލުއި ހޯދުމަށްއެދި އެމަނިކުފާނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީތައް ރައްތިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއަށް ފޮނުވުމުން އެކަން ހައްލު ކުރަން އަޅަންޖެހޭ ފިޔަވަޅުތަކާއި އެކަން ކުރިއަށް ގެންދާނެ ލަފައަކަށް ކޮމިޓީން އެދިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕެރޯލްބޯޑު އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރުމުން ޕެރޯލް ހައްގުވާ 200 އަށްވުރެ ގިނަމީހުން އެ ހައްގު ނުލިބި ތިބިކަން ފާހަގަކޮށް "ޖަލުތަކާއި ބެރޯލްގެ ގާނޫނު" އަށް މިހާރުން މިހާރަށް ގެންނަން ޖެހޭ ބަދަލުތައް ކޮމިޓީ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަމަށެވެ.
އެގޮތުން، ޕެރޯލް ބޯޑު އެކުލެވިފައިވާގޮތް ބަދަލުކޮށް، ޕެރޯލް ހައްގުވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެކަން އަންގައި އެ މީހަކަށް އެހައްގު ލިބިދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ޒިންމާއަކީ ބޯޑުގެ ޒިންމާއަކަށް ހެދުން ހިމެނެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕެރޯލަށް އެދެވޭނީ ހަމައެކަނި ކުށުގައި ބަނދުގަިއ ހުރިމީހާއާއަށް ކަމަށް ގާނޫނުުގައި އޮތުމުން، އޭނާއަށް އެ ހައްގު ލިބޭކަންވެސް އޮންނަނީ ނޭނގިފައި ކަމަށެވެ.
މީގެ އިތުރުން ކްލެމެންސީ ބޯޓުގެ އިދާރީ ކަންކަން ހަރުދަނާ ކުރުމަށް ބަދަލު ގެންނަން ކޮމިޓީން ލަފާދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ވީއެންމެ އަވަހަކަށް، އިޖުތިމާއީ ފަރުވާއައް ހުކުމް ކުރުމުގެ ޕްރޮގްރާމް ހިންގޭނެ ނިޒާމެއް ގާއިމް ކުރުމަށާއި ވީއެންމެ އަވަހަކަށް ޕީޖީން ޕްލީ ބާގޭނިންގެ ނިޒާމެއް ގާއިމް ކުރުމާއި މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ހުކުމް ކުރާ ފަރާތްތަކަށް ލަސްނުކޮށް ފަރުވާދިނުމަށް ޕްރަވަޓައިޒް އުސޫލުން ރީހެބް ސެންޓަރުތައް އުފެއްދުން ހުޅުވާލުމަށްވެސް ވަނީ ލަފާ ދެއްވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، މި ބަދަލުތައް ގެނައުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް ބިލްތައް އެކުލަވައިލުމުގެ މަސައްކަތް، ހިއުމަންރައިޓްސް ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ހުޅިގެން އުފައްދާ ކުޑަ ކޮމިޓީއަކާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.