އަލަށް އިންތިހާބުކުރި ސްރީލަންކާގެ ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލަންކާއަށް ފުރާވަޑައިގެންފިއެވެ.
ލަންކާއަށް ވަޑައިގެންނެވުމުގެ ކުރިން މިނިސްޓަރު ޝަހިދު ވަނީ މިރޭ އެގައުމަށް ފުރާވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ލަންކާ އާއި ރާއްޖޭގެ އެކުވެރިކަމަކީ ޒަމާންވީ އެކުވެރިކަމެއް ކަމަށެވެ. އަދި މަސައްކަތްތެރި، ފައިދާ ހުރި މަޝްވަރާ ބައްދަލުވުންތަކެއް މި ދަތުރުފުޅުގައި ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިދިޔަ ނޮވެމްބަރު މަހު ލަންކާގެ ރިޔާސީ އިންތިހާބު ބާއްވައި، އެގައުމުގެ ރައީސް ވަނީ ވޯޓުން ހޮވައިފައެވެ. އެ އިންތިހާބުގައި އެގައުމުގެ ހަތްވަނަ ރައީސަކަށް ހޮވިފައިވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔާ ރާޖަޕަކްސާ އެވެ. ގޯޓަބަޔާ މަގާމަށް އިންތިހާބުވެފައި ވަނީ ނޮވެމްބަރު 18ގައެވެ.
އޭގެ ފަހުން ނޮވެމްބަރު 21ގައި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވަނީ އެގައުމުގެ އާ ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފައެވެ. ބޮޑުވަޒީރުކަމުގެ މަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފައިވަނީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ނޮވެމްބަރު 20ގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.