ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު އިންޑިއާއަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ނައިބު ރައީސްގެ މިދަތުރުފުޅުގައި އިންޑިއާގެ ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި އެގައުމުގައި ދިރިއުޅެ ދިވެހި އާއިލާތަކާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އޭގެ އިތުރުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެގައުމުގެ ދޭދޭ ގުޅުންތައް ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ނައިބު ރައީސް ކުރައްވާނެއެވެ.
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް އިންޑިއާއަށް ވަޑައިގެންނެވިއިރު އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މިއަދު މުހިއްމު ހަތަރު އެއްބަސްވުމެއް ވަނީ ބަދަލުކޮށްފައެވެ.
އެއީ އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި "ގޭދޮށު މަސް ޕުލާންޓް" ގާއިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭ ކާޑު ރާއްޖޭގައި ތައާރަފު ކުރުމާގުޅޭ އެއްބަސްވުމެއްގެ އިތުރުން މާލޭގެ މަގު ބައްތިތައް ލެޑު ލައިޓަށް ބަދަލުކުރުމުގެ މަޝްރޫއެއް އަދި އިންޑިއާއިން ރާއްޖޭގެ ކޯސްޓުގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުމުގެ އެއްބަސްވުމެކެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.