ޚަބަރު

ސްކިލް ހެޓްސް ޖީނިއަސްގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މުހައްމަދު އައުޒަމް

މެންޓަލް އެރަތެމިކް އިލްމު އުނގަންނައިދޭ ސްކިލް ހެޓްސް ޖީނިއަސްގެ 2018 ވަނަ އަހަރުގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ސްކިލް ހެޓްސް ޖީނިއަސް އަކީ ހަތަރު އަހަރާއި 14 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށްގެން ސިކުނޑި ތަރައްގީކުރުމަށް މެންޓަލް ކަލްކިއުލޭޝަން މެދުވެރިކޮށް ތަމްރީނު ކުރާ އިންސްޓިޓިއުޝަނެކެވެ.

އިސްކަންދަރު ސްކޫލްގައި ބޭއްވި ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ވިލާ ކޮލެޖްގެ ރެކްޓަރު އަހުމަދު އަންވަރު އެވެ.

މިރަސްމިއްޔާތުގައި އެކި ލެވެލްތަކުން ކާމިޔާބު ހޯދި ދަރިވަރުންގެ އިތުރުން އެ އިންސްޓިޓިއުޝަން ގައި ބޭއްވި މެންޓަލް މެތަމެޓިކްސް ކޮންޕެޓިޝަން ގެ ބައިވެރިންނަށް ވެސް ވަނީ ސެޓްފިކެޓް ދީފައެވެ.

ސްކިލް ހެޓްސް ޖީނިއަސްގެ ސްކިލް ހެޓްސް މެންޓަލް އެރަތެމިކް މުބާރާތުގެ އެއްވަނަ ހޯދައިފައި ވަނީ އެއިންސްޓިޓިއުޓްގެ އައިޝަތު މަލަކް އައްބާސްއެވެ. މަލަކް އަށް ވަނީ އިންޑިއާގައި އޮންނަ މުބާރާތަށް ދިއުމަށް ހިލޭ ޓިކެޓް ގެ އިތުރުން ހާއްސަ ޓްރޮފީއެއް ލިބިފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން ސްކިލް ހެޓްސް ޖީނިއަސްގެ އެކަޑެމިކް ޑައިރެކްޓަރު އަބްދުލް ފައްތާހު ވިދާޅުވީ މި އިންސްޓިޓިއުޓް އުފެދިގެން ދިޔައީ ވަރަށް ކުޑަކޮށް ކަމަށާއި ނަމަވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ. ފައްތާހު ވިދާޅުވީ ސްކިލް ހެޓްސް ޖީނިއަސް ފެއްޓީ 50 ދަރިވަރުންނާ އެކު ކަމަށެވެ. ނަމަވެސް މިހާރު އެ އިންސްޓިޓިއުޝަން ގައި 134 ދަރިވަރުން ތަމްރީނު ހޯދަމުން އަންނަ ކަމަށް ފައްތާހު ވިދާޅުވިއެވެ.

އިންޑިއާގެ ކުންފުންޏަކާ ގުޅިގެން ފްރެންޗައިސް ގެ އުސޫލުން ހިންގާ ސްކިލް ހެޓްސް ޖީނިއަސް އިން މިއަހަރު އޮކްޓޫބަރު މަހު ވަނީ ފުރަތަމަ މުބާރާތް ވެސް ބައްވާފައެވެ. އަބްދުލް ފައްތާހު ވިދާޅުވީ އިންޑިއާގައި ކުރިޔަށްދާ މުބާރާތެއްގައި ބައިވެރިވުމަށް ސްކިލް ހެޓްސް ޖީނިއަސްގެ 22 ދަރިވަރުން ޑިސެމްބަރު 19ގައި ފުރާނެ ކަމަށެވެ. އަދި އިންޑިއާ ކުންފުނިން ކޮންމެ އަހަރަކު ހޮވާ އެންމެ މޮޅު ފަސް އިންސްޓިޓިއުޝަން ތެރޭގައި ސްކިލް ހެޓްސް ޖީނިއަސް ހޮވިފައިވާ ކަމަށާއި ޑިސެމްބަރުގައި އޮންނަ މުބާރާތުގައި އެންމެ މޮޅު އިނސްޓްޓިއުޓް ހޮވާނެ ކަމަށް ފައްތާހު ވިދާޅުވިއެވެ. ފައްތާހު ވަނީ މި ކާމިޔާބީ ހޯދުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ސްކިލް ހެޓްސް ޖީނިއަސްގެ ސެޓްފިކެޓް ދިނުމުގެ ހަފްލާގައި ވަނީ އެ އިންސްޓިޓިއުޝަންގެ ދަރިވަރުންގެ ހުނަރު ދައްކާލާފައެވެ. މިހަރަކާތުގައި ހިސާބު އަދަދުތައް ކިޔާދިނުމުން އެކުދިން ވަނީ އެއަދަދުތައް އެއްކުރީމަ އަންނަ ވަރު ބުނެދީ ސިކުނޑީގެ ކުޅަދާނަކަން ދައްކާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން ޝަރަފުވެރި މެހެމާނު ވިލާ ކޮލެޖްގެ ރެކްޓަރު އަހުމަދު އަންވަރު ވިދާޅުވީ އުނގެނުމަކީ ހުއްޓިގެން ވާނެ ކަމެއް ނޫންކަމަށެވެ. އަދި އިލްމު އުނގެނުމަކީ ދެމިގެންދާ ގޮތަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ތައުލީމު އުނގެނުމުގައި ވިސްނުން ގެންގުޅެންވީ ގޮތްވެސް އަހްމަދު އަންވަރު ވަނީ ކިޔާދެއްވާފައެވެ.

މިއަހަރުގެ އޭޕްރިލްމަހު ހުޅުވި ސްކިލް ހެޓްސް ޖީނިއަސް އިންސްޓިޓިއުޓް އަކީ ރާއްޖޭގައި މެންޓަލް އެރަތެމިކް އިލްމު އުނގަންނައިދޭ އެންމެ ކާމިޔާބު އިންސްޓިޓިއުޓްއެވެ.