ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓުރޭޓަރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފިއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓުރޭޓަރުގެ މަގާމަށް މީހަކު ހޯދަން އިއުލާން ކޮށްފައި މިވަނީ، ޖޭއެސްސީގެ ގާނޫނަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ގެނައި އިސްލާހާއެކު ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އުވި، ޑީޖޭއޭގެ ނަމުގައި ޖޭއެސްސީގެ ދަށުން އާ އިދާރާއެއް އުފެދުމާ ގުޅިގެންނެވެ.

އަދި އެ އިދާރާގެ އެންމެ އިސް ފަރާތުގެ ގޮތުގައި ޗީފް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. ނަމަވެސް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައިވަނީ ޖޭއެސްސީ އަށެވެ.

އެގޮތުން ޖޭއެސްސީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމުގެ އަސާސީ ޝަރުތުތަކަކީ މުސްލިމަކު ކަމުގައި ވުމާއި ދިވެހި ރައްޔިތަކަށްވުން އަދި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމުގެ އިތުރުން އެ މީހަކީ އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާށިލުކޮށްފައިވުން އަދި އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

ފަސް އަހަރުގެ މުއްދަތަކަށް އެ މަގާމަށް އައްޔަންކުރާ މީހަކު ހޮވާނީ އިންޓަވިއު ޕެނަލަކުންނެވެ. އެ ޕެނަލުން މީހާގެ ތައުލީމާއި ތަޖުރިބާ އަދި ގާބިލުކަން ބަލާނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވާ ގޮތުން، ޗީފް ޖުޑީޝަލް އެޑްމިނިސްޓުރޭޓަރުގެ މަގާމަށް އައްޔަންކުރާ މީހެއްގެ އަސާސީ މުސާރައަކީ މަހަކު 30،500 ރުފިޔާއެވެ. އަދި ލިވިން އެލަވަންސް އަދި ފޯނު އެލަވަންސްއާއެކު މަހަކު ޖުމްލަ 47،000 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއެއް ކަމަށް އިއުލާނުގައި ބުނެފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ މެންދުރު 1:00 ގެ ކުރިންނެވެ. ފޯމް ހުށަހަޅަން ޖެހޭނީ ޖޭއެސްސީއަށެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އޮގަސްޓް 21 ވަނަ ދުވަހު ފާސްކުރި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ސެޕްޓެމްބަރު ދެވަނަ ދުވަހުއެވެ. އަދި އެ ބިލު ފާސްކުރުމާއެކު ސުޕްރީމް ކޯޓުގެ ދަށުން ހިންގި ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ވަނީ ގެއްލިފައެވެ.