އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު ހަތަރު އެއްބަސްވުމެއް ބަދަލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިއަށްގެންދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވާހަކަދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމް ކުރުމުގެ އެއްބަސްވުމާއި ރުޕޭކާޑު ރާއްޖޭގައި ތައާރަފު ކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ލައިޓްއަށް ބަދަލުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުމުގެ އެއްބަސްވުމެވެ.
އައްޑޫ ސިޓީގެ ތިން ސަރަޙައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމުގެ އެއްބަސްވުމާ ހަވާލުވެ ވަޑައިގެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެއްބަސްވުން ހަވާލުކުރެއްވީ އިންޑިއާ ސަފީރު ސަންޖޭ ސުދީރެވެ. އެ ޕްރޮޖެކްޓަށް 1.5 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.
ރުޕޭކާޑު ރާއްޖޭގައި ތައާރަފުކުރުމާ ބެހޭ އެއްބަސްވުމާ ރާއްޖޭގެ ފަރާތުން ހވާލުވީ ބީއެމްއެލްގެ ސީއީއޯ ޓިމޮތީ ސޯއިލް އެވެ. މިއެއްބަސްވުން ހަވާލުކޮށްދެއްވީ ނެޝަލަން ޕޭމެންޓް ކޯޕަރޭޝަން އޮފް އިންޑިއާގެ ފަރާތުން ހަރީޗަންދަރު ޔާދަންއެވެ.
އޭގެ އިތުރުން އިންޑިއާ އިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރި ކަނޑުގެ އުޅަނދާބެހޭ އެއްބަސްވުމާ ހަވާލުވެ ވަޑައިގަތީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އެވެ. އެއްބަސްވުން ހަވާކު ކުރެއްވީ އިންޑިއާ ސަފީރު ސަންޖޭ ސުދީރެވެ.