ޚަބަރު

ވޯޓަށް އަހައި ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވޯޓަށް އަހަން ހަމަޖެހިފައިވާ ކަންތައްތަކަށް ވޯޓަށް އަހައި ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަތަރު ކަމަކަށް ވޯޓަށް އަހަންވަނީ އެޖެންޑާ ކޮށްފައެވެ.

އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރުމާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އާމްދަނީން ޓެކްސް ނެގުމުގެ ބިލު (އިންކަމްޓެކްސް ނެގުމުުގެބިލް) ލާއި މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓަށް އެހުމެވެ.

ނަމަވެސް އިންކަމްޓެކްސް ނެގުމުގެ ބިލަށް ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންކަމްޓެކްސްގެ ގާނޫނަށް 26 އިސްލާހެއްް ހުށަހަޅާފައިވާ ކަމަށެވެ. އެއީ އެމްޑީޕީގެ މަޖިލިސް މެންބަރުންނާ ހިއްސާ ކުރައްވައި އެ ބޭފުޅުންގެ އެއްބަސްވުމާއެކު ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޖަލްސާގެ ވޯޓަށް އަހާ ގަޑި ކަމުގައިވާ 1:30 ގައި މިއަދު ވޯޓަށް އަހަންފަށައި، ޖަލްސާ ކުރިއަށް ގެންދަން ގަވާދުގައި ބުނާ 2:30 އާ ހަމައަށް ވެސް އެޖެންޑާގައިވާ ކަންތައްތަކަށް ވޯޓަށް އަހައި ނުނިމޭނެތީ، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ޖަލްސާ ގެ ވަގުތު އިތުރު ކުރަން ވޯޓަށް އެއްސެވިއެވެ.

އީވާ ވޯޓަށް އެއްސެވީ މިއަދު ވޯޓަށް އަހަން ޖެހޭ ހުރިހާ ކަމަކަށް ވޯޓަށް އަހައި ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށެވެ.

އެގޮތަށް ޖަލްސާގެ ވަގުތު އިތުރުކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ.