ޔޫއޭއީ

ސަލާމްކުރަން އަތްދިއްކުރި ކުޑަ އަންހެންކުއްޖަކާ ސަލާމް ނުކުރެވުމުން އަބޫދާބީގެ ވަލީއަހުދު އެކުއްޖާގެ ގެއަށް

މިންހާ ފާއިޒް ރަޝާދު

ކުޑަ އަންހެން ކުއްޖަކު އަބޫދާބީގެ ވަލީއަހުދު، ޝެއިޚް މުހައްމަދު ބިން ޒައިދާ ސަލާމް ކުރުމަށް އަތް ދިށްކޮށްގެން ހުއްޓާ އެކުއްޖާއާ ސަލާމް ނުކުރެއްވެވުމުން އެކުއްޖާގެ ގެޔަށް ޒިޔާރަތް ކުރައްވައިފިއެވެ.

އައިޝާ މުހައްމަދު މަޝީތު އަލް މަޒްރާއޯ ނަމަކަށް ކިޔާ މި އަންހެން ކުއްޖާ ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދާ ސަލާމް ކުރުމަށް ގޮސް ހުރީ ރަސްމީ ހަފުލާއެއްގައެވެ. އެ ހަފުލާގައި އަބޫދާބީ ވަލީއަހުދުގެ އިތުރުން ސައުދީ ގެ ޑެޕިއުޓީ ބޮޑު ވަޒީރާއި ޑިފެންސް މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސަފުގައި ތިބި މީހުން އަދި ކުދިންނާ ސަލާމް ކުރައްވަމުން ވަޑައިގެން ވަލިއަހުދަށް އައިޝާ އަތް ދިށްކޮށްގެން ހުއްޓާ ސަލާމް ނުކުރެއްވެވި ވަޑައިގެންނެވުނީ އެވެ. ސަލާމް ނުކުރެއްވުމުން އެ ކުއްޖާ އަތް މަޑުމަޑުން ފަހަތަށް ގެންދެ އެވެ. މި މަންޒަރުތައް ވަނީ ވީޑިއޯއަށް އަރާފައެވެ.

ވީޑިއޯ ވައިރަލް ވެގެން ދިޔުމާއެކު އައިޝާ އަށް ލިބުނު ސަޕްރައިޒަކީ ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު އޭނާގެ ގެޔަށް ވަޑައިގަތުމެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވަލީއަހުދަށްވެސް އެކުއްޖާއާ ސަލާމް ނުކުރެއްވޭކަން އެނގިވަޑައިގަތީ ވީޑިއޯ ވައިރަލް ވުމުންނެވެ.

ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު ވަނީ އައިޝާގެ ގެ މަޒްރާއޯ އާއިލާގެ ގެއަށް ޒިޔާރަތްކުރައްވައި އެ އާއިލާގެ މެންބަރުންނާ ބައްދަލު ކުރައްވާފައެވެ. ވަލީ އަހުދުގެ މި ޒިޔާރަތުގައި އެމަނިކުފާނު އެ ކުޑަ ކުއްޖާގެ ނިތްކުރިޔަށް ބޮސްދެއްވައި، އަތްތިލަޔަށް ވެސް ބޮސްދެއްވަ އެވެ.

ވަލީއަހުދުގެ މި ޒިޔާރަތުގެ ވީޑިއޯއާއި ފޮޓޯތައްވެސް މީސް މީޑިއާގައި ވައިރަލް ވެގެން ގޮސްފައިވާއިރު ގިނަ ބަޔަކު ވަނީ ކުޑަކުއްޖާ އުފާކޮށްދިނުމަށްޓަކައި ވަލީއަހުދު ކުރެއްވި ކަންތަކަށް ތައުރީފުކޮށްފައެވެ.