ރާއްޖޭގެ ރައްޔިތުންގެ އަތުން އިންކަމްޓެކްސް ނެގުމާ ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިންކަންޓެކްސްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ޑީއާރުޕީގެ ލީޑަރު ޖާބިރު ވިދާޅުުވީ ރައްޔިތުންގެ އަތުން އިންކަމްޓެކްސް ނަގަން ތައްޔާރު ނޫން ކަމަށާއި ސަބަބަކީ ވާނުވާ ނޭނގޭ ނިޒާމެއްގެ ތެރެއިން ޓެކްސް ޕޭޔަރުންގެ ފައިސާ މެނޭޖް ނުކުރެވޭތީ ކަމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ އަޅުގަނޑުމެން ރެޑީއެއް ނޫނޭ ދިވެހި ރައްޔިތުންގެ އަތުން އިންކަމްޓެކްސް ނަގާކަށް، ސަބަބަކީ ވާނުވާ ނޭނގޭ ނިޒާމެއްގެ ތެރެއިން ޓެކްސް ޕޭޔަރުންގެ ފައިސާ މެނޭޖްނުވެ ދާތީ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ މިހާރުވެސް ދިވެހި ރައްޔިތުންގެ އަތުން ބައިވަރު ޓެކްސް ނެގިއްޖެ ކަމަށާއި، ރައްޔިތުން ތިބީ ވާރަށް ހާލުގައި ކަމަށެވެ. އަދި ރައްޔިތުންގެ އަތުން ޓެކްސް ނެގުމުގެ ބަދަލުގައި، ލިބެން ހުރި ވަސީލަތްތައް ބޭނުންކޮގެން ރަނގަޅަށް މެނޭޖް ކޮށްފިނަމަ ރައްޔިތުންނަށް ދޭ ވަރަށްވެސް ރާއްޖެއަށް ފައިސާ ލިބޭނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ އެކަމަށްޓަކައި މަސް ބޭނޭނެ ގޮތްތައް އިތުރަށް ފަހިކޮށް ރިސޯޓްތައް ހުޅުވޭނެ ފަސޭހަ ގޮތްތައް ގާއިމްކޮށް އިންވެސްޓަރުންނަށް ބާރު ދޭންޖެހޭ ކަމަށެވެ. އަދި އިންކަމްޓެކްސް ނަގަނީ ޓެކްސް ޕޭޔަރުންގެ ފައިސާއިން ވައްކަން ނުކުރާ ފަދަ، ތަހުޒީބު އަމާނާތްތެރިން ތިބޭ ގައުމުތަކުގައި ކަމަށާއި ރާއްޖޭގައި ޓެކްސް ޕޭޔަރުންގެ ފައިސާއިން ކުރަނީ ވައްކަން ކަމަށް ވެސް ވިދާޅުވިއެވެ. އެކަން ފާޅު ގޮތެއްގައި ހިންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދު މަޖިލީހުން ނިންމަން ހަމަޖައްސާފައިވާ އިންކަންޓެކްސް ނެގުމުގެ ބިލުގައި 60،000 ރުފިޔާއިން ފެށިގެން މަތީގެ އާމްދަނީން ޓެކްސް ނެގުމަށް ވަނީ ހިމަނައިފައެވެ.