ސައުތު އޭޝިއަން ގޭމްސް

ސާއިދު 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފި

ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އިތުރު މެޑައްޔެއް ހޯދައިފިއެވެ.

މިއަދު 200 މީޓަރުގެ ފައިނަލުގައި ވާދަކޮށް، ތިންވަނައަށް ދުވުން ފުރިހަމަކޮށްގެން ސާއިދު ވަނީ އެ އިވެންޓުން ލޯ މެޑަލް ހޯދައިފައެވެ.

ފައިނަލުގައި ވާދަކޮށް ސާއިދު ދުވުން ފުރިހަމަކުރީ 21.22 ސިކުންތުންނެވެ. އެ އިވެންޓުގެ ރަން މެޑަލް ހޯދީ 21.15 ސިކުންތުން ނިންމި ޕާކިސްތާނުގެ އުޒައިރު ރަހުމާނެވެ. އަދި ރިހި މެޑަލް ހޯދީ 21.19 ސިކުންތުން ނިންމި ސްރީލަންކާގެ ވިނޯޖް ސޫރަންޖާޔާއެވެ.

މިއީ މިއަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ހޯދި ދެވަނަ މެޑަލްއެވެ. ސާއިދު ވަނީ އިއްޔެ 100 މީޓަރު ދުވުމުގެ ފައިނަލުން އެއްވަނަ ހޯދައި، ސައުތު އޭޝިއަން ގޭމްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައެވެ.

ސާއިދު ވަނީ 2016ގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް ދެ މެޑަލް ހޯދައިފައެވެ. ސާއިދު ވަނީ އެ އަހަރުގެ ގޭމްސްގައި 100 މީޓަރު ދުވުން އަދި 200 މީޓަރު ދުވުމުން ވެސް ރިހި މެޑަލް ހޯދައިފައެވެ.