މާލޭ ހުކުރު މިސްކިތު މުންނާރާއި ވަޅުތައް އާބާތުރަ ފިލުވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފިއެވެ.
މުންނާރު ސާފުކުރުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައި މިވަނީ މުންނާރު ހަޑިވެ، އެތަނުގެ ކުލަ ވެއްޓި ފެހި ޖަހާފައިވާ ފޮޓޯތަކާއެކު އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދަނިކޮށެވެ.
މިއަދު އޮތް ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، މުންނާރު އެހާ އަވަހަށް ހަޑިވަނީ މުންނާރަކީ ހިރިގަލައި އުވައިން ހަދާފައި ހުރި ތަނަކަށް ވުމުން ވިއްސާރަވެ މުންނާރުގައި ތެތްކަން ހިފެހެއްޓި ފެހިޖަހާގޮތް ވާތީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ފަށަން ވަރަށް ކުރިންވެސް ރޭވި ކަމަށާއި ނަމަވެސް މަސައްކަތް ނުފެށުނީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ.
މިއަދު މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައި ވާއިރު، އެ މަސައްކަތުގައި ބޭނުންކުރާނީ އުވަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަބަބަކީ ހިރިގަލާ އެންމެ ގުޅޭ އެއްޗަކީ އުވަ ކަމަށްވެފައި، މުންނާރުގައި ދަވާދު ލައިފިނަމަ އެއްގޮތަކަށްވެސް މުންނާރުން ފެން ބޭރުނުވާނެ ކަމަށާއި މުންނާރުގައި އުވަލައިގެން ބެލެހެއްޓުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި އެބޭފުޅުންގެ ދިރާސާތަކުން ދައްކާތީ ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.
މިހާރު ކުރިއަށް ދަނީ ސްޓެލްކޯއާ ގުޅިގެން މުންނާރު ދޮވެ ސާފުކޮށް، އުވަ ކަހައި އަލުން އުވަ ލުމުގެ މަސައްކަތް ކަމަށާއި އެއީ ދާއިމީ ގޮތެއްގައި ގަވައިދުން ކުރަންޖެހޭ ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަސައްކަތާ ބެހޭގޮތުން ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ ގައުމީ ތަރިކައެއް ރައްކާތެރިކުރުމަށް ބަޔަކު އެދިއްޖެނަމަ، ސްޓެލްކޯ އަބަދުވެސް އެބަޔަކަށް އެހީތެރިކަން ދޭނެ ކަމަށެވެ.
އެގޮތުން މުންނާރަކީ ގައުމީ ވަރަށް މުހިންމު ތަރިކައެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މުންނާރު ހަޑިކޮށް ހުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މުގުނީ ވިދާޅުވީ ހުކުރު މިސްކިތުގެ ވަޅުތަކާއި މުންނާރު ސާފުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ އެބޭފުޅުންގެ ވޯކުޝެޑިއުލްގައި ހިމަނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ކުންފުނިންވެސް މުންނާރު ހަޑިވޭތޯ ބަލައި ތަރިކައާ ބެހޭ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.