ޚަބަރު

ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ ރާއްޖޭގައި ހަތަރު މަޝްރޫއުއެއް މާދަމާ އިފްތިތާހު ކުރަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖޭގައި ހަތަރު މަޝްރޫއެއް މާދަމާ އިފްތިތާހު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުން، ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ އެ މަޝްރޫއުތައް އިފްތިތާހު ކުރައްވާނީ މާދަމާ ހަވީރު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

މާދަމާ އިފްތިތާހުކުރާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ރާއްޖެއަށް ފާސްޓް އިންޓަސެޕްޓާ ކްރާފްޓެއް ހަދިޔާކުރުމާއި މާލެ ސިޓީގައި ލެޑް ލައިޓް ހަރުކުރުމުގެ މަޝްރޫއެއް ހިމެނެއެވެ.

އޭގެ އިތުރުން އިންޑިއާގެ ޕޭމެންޓް ކާޑެއް ކަމުގައިވާ "ރުޕޭ ކާޑު" ރާއްޖޭގައި އިފްތިތާހުކުރުމާއި ރާއްޖޭގައި އަޅާ މަސް ޕްރޮސެސްކުރާ ތިން ޕުލާންޓް ވެސް މާދަމާ އިފްތިތާހު ކުރާނެ ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ. މި ހަތަރު ޕްރޮޖެކްޓަކީ ވެސް އިންޑިއާގެ އެހީގައި ރާއްޖޭގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކެކެވެ.