ޚަބަރު

އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމަށްބުނެ ކުރަނީ ދޮގު ތުހުމަތެއް: ފޮރިން މިނިސްޓަރު

2

ފޮރިން މިނިސްޓަރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ މިނިސްޓަރު ޑރ. މުހައްމަދު އާސިމް ގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވައިފި އެވެ.

މިނިސްޓަރު އާސިމް އެކަން ދޮގުކުރައްވައިފައި ވަނީ އެމަނިކުފާނު ވަޒީރު ކަމުގެ ޓާމް ނިންމަވައިލައްވަމުން އެންމެ ފަހު ވަގުތު މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ.

މިނިސްޓަރު އާސިމްގެ ޓުވީޓުގައި ވިދާޅުވީ ދާދި ފަހުން އެމަނިކުފާނުގެ މައްޗަށް ކުރި ތުހުމަތު ތަކަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

ޑރ. އާސިމްގެ ޓުވީޓުގައި ވަނީ ކެބިނެޓުގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މި ޓުވީޓާ ގުޅިގެން އިތުރު ތަފުސީލު ހޯދުމަށް "ވަން އޮންލައިން" އިން ގުޅުމުން އެމަނިކުފާނު ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި މެސެޖަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

ފޮރިން މިނިސްޓްރީގެ އަންހެން ބައެއް މުވައްޒަފުންނަށް މިނިސްޓަރު ޖިންސީ ގޯނާ ކުރެއްވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ އަންނަނީ ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންނެވެ. އެ ގޮތުން ޖެންޑާ މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގައި އޮންނަ އެކަމަށް ޚާއްސަ ކޮމެޓީން ވެސް އަންނަނީ އެމައްސަލަ ބަލަމުންނެވެ.

އެ މައްސަލައާ ގުޅިގެން ޑރ. އާސިމް މިނިސްޓަރު ކަމުން އިސްތިއުފާދެއްވަން ޚާރިޖީ ދާއިރާގެ ބައެއް ސަފީރުން ވަނީ ގޮވައިލައްވައިފަ އެވެ. އަދި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައިލައްވައިފަ އެވެ.

މި މައްސަލައިގައި މިނިސްޓަރު އާސިމް މީގެ ކުރީން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟