ސައުތު އޭޝިއަން ގޭމްސްގެ 2021ގެ ބައެއް ކުޅިވަރު އިވެންޓުތައް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2021 ވަނަ އަހަރު ބާއްވާ ސައުތު އޭޝިއަން ގޭމްސްގެ ބައެއް ކުޅިވަރުތައް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއެކު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކުޅިވަރު އިވެންޓުތަކުގެ ތެރޭގައި ފުޓުބޯޅަ އާއި ވޮލީބޯޅަ އާއި ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން ފަދަ ކުޅިވަރުތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ފަހު 2023ގައި އެ ގޭމްސް ބޭއްވުމަށް ކުރި ބިޑް ވެސް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. ސަރުކާރުން މިހާރު އަންނަނީ 2023ގެ އައިއޯއައިޖީ ބޭއްވުމުގެ އިންތިޒާމުތައް ރާވަމުންނެވެ.
ރާއްޖެއިން އަންނަނީ ސައުތު އޭޝިއަން ގޭމްސްގައި ވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިހާރު ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި މިހާތަނަށް ރާއްޖެއިން ވަނީ ދެ މެޑަލް ހޯދައިފައެވެ. ފިރިހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ރަން މެޑަލް ހޯދި އިރު، އަންހެން ޓީޓީ އިވެންޓުން ރާއްޖެއިން ވަނީ ލޯ މެޑަލް ހޯދައިފައެވެ.