ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއަށް ގުޅުއްވައި، ތާރީހީ ކާމިޔާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
ސާއިދު ވަނީ ސައުތު އޭޝިއަން ގޭމްސްގެ ތާރީހުގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑައްޔެއް ހޯދައިދީފައެވެ. ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް، ސާއިދު ވަނީ އެއްވަނަ ހޯދައިފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސާއިދުއަށް ރައީސް ސޯލިހު ފޯނުން ގުޅުއްވައި، މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.
ސާއިދުއާއެކު 100 މީޓަރު ދުވުމުގައި އިތުރު ހަތް ދުވުންތެރިޔަކު ވާދަކުރިއެވެ. ސާއިދު އެ ދުވުން ފުރިހަމަކުރީ 10.49 ސިކުންތުންނެވެ. ރިހި މެޑަލް ހޯދީ 10.50 ސިކުންތުން ދުވުން ފުރިހަމަކުރި ސްރީލަންކާގެ ހިމާޝާ އީޝަންއެވެ. އަދި ލޯ މެޑަލް ހޯދީ 10.66 ސިކުންތުން ދުވުން ފުރިހަމަކުރި ޕާކިސްތާނުގެ ސާމީ އުއްލާއެވެ.
ސާއިދު ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް 100 މީޓަރު ދުވުމުން ރާއްޖެއަށް މެޑައްޔެއް ހޯދައިދީފައެވެ. އެފަހަރު އޭނާ ހޯދީ ރިހި މެޑަލްއެވެ.