ސައުތު އޭޝިއަން ގޭމްސް

ބަންގުލަދޭޝް އަތުން ވެސް ރާއްޖެއަށް ޕޮއިންޓެއް

ސައުތު އޭޝިއަން ގޭމްސްގައި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ އެއްވަރުވެއްޖެއެވެ.

ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓުބޯޅަ އިވެންޓުގައި މިއަދު ހަވީރު ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން ވެސް ވަނީ އެއްވަރުވެފައެވެ. އިއްޔެ ކުޅުނު އެ މެޗު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިއަދު ކުޅުނު އެ މެޗުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ބަންގުލަދޭޝް އިން ވަނީ މެޗުގެ 29 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެ ލަނޑަކީ ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޤަނީ (އަކޫ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ލަނޑު ވަދެފައިވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ބަންގުލަދޭޝްގެ ރިޔާދުލް ހަސަން ބޮލުން ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް މަތަކުރުމާއެކު އަކޫގެ ގައިގައި ޖެހިފައެވެ.

ބަންގުލަދޭޝް އިން ލީޑު ހޯދުމާއެކު ރާއްޖޭގެ ކުޅުން އިތުރަށް ވަރުގަދަކުރިއެވެ. ރާއްޖެއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އަށް ލިބުނު ފުރުސަތެވެ. ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ކީޕަރު އަނިސުރް ރަހުމާން ކައިރިން ނައްޓާލި ނަމަވެސް، ފޭދޫ އިއްބެ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ބަންގުލަދޭޝްގެ ޑިފެންޑަރުން ވަނީ ބޯޅަ ހޯދައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބަންގުލަދޭޝް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ރާއްޖެއިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބަންގުލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެއެވެ.

އެ ލަނޑަށްފަހު ވެސް ރާއްޖެއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ހަސަން ރާއިފް އަހްމަދު (ހަންނަ)އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހަންނަ ފޮނުވާލި ހަމަލާ އަމާޒުވީ ބަންގުލަދޭޝް ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ރާއްޖެއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. މުހައްމަދު ސާމިރު ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އަކޫ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ބަންގުލަދޭޝްއަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ރިޔާދުލް ހަސަން ބޮލުން ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ރާއްޖެއަށް ލީޑު ހޯދުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅަ، ބަންގުލަދޭޝް ގޯލު ކުރިމަތީ ހުސްކޮށް ހުރި ހަސަން ނާއިޒް (ދާދު)ގެ ފައިގައި ލައްވާލައިފައެއް ނުވެއެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުން އިންޑިއާ ވަކިވުމުން، ފުޓުބޯޅަ އިވެންޓު ކުރިއަށްގެންދަނީ ލީގު އުސޫލުންނެވެ. ލީގުގެ އެއްވަނައިގައި އޮތް ނޭޕާލާއި ދެވަނައިގައި އޮތް ބޫޓާނަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ނޭޕާލު ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ނޭޕާލް މިހާތަނަށް އެއް މެޗު ކުޅެފައިވާ އިރު، ބޫޓާން ވަނީ ދެ މެޗު ކުޅެފައެވެ. ތިންވަނައިގައި އޮތް ރާއްޖެއަށް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ލަންކާއާއި ފުލުގައި އޮތް ބަންގުލަދޭޝް، އެ ދެ ޓީމަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ބަންގުލަދޭޝް އިން ދެ މެޗު ކުޅެފައިވާ އިރު، ލަންކާ އިން ކުޅެފައިވަނީ އެންމެ މެޗެކެވެ.

ރާއްޖެއިން ދެން މެޗެއް ކުޅެން ޖެހޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެ މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ ބޫޓާންއާ ދެކޮޅަށެވެ.