ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް އިވެންޓުގައި ރާއްޖެ އިން ލޯ މެޑަލް ހޯދައިފިއެވެ.
ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލޯ މެޑަލް ލިބިފައިވަނީ މިއަދު ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ސްރީލަންކާ އަތުން ބަލިވުމުންނެވެ. އެ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ.
ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ވެސް ލޯ މެޑަލް ލިބޭނެއެވެ. ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލިބުނު ލޯ މެޑައްޔަކީ ސައުތު އޭޝިއަން ގޭމްސްގެ ތާރީހުގައި ޓީޓީ ޓީމަށް ހޯދުނު އެންމެ ރަނގަޅު ކާމިޔާބީއެވެ.
ލަންކާއާ ދެކޮޅަށް މިއަދު ކުޅުނު ސެމީގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ޓީމުން ފުރަތަމަ ނުކުތީ ފާތިމަތު ދީމާ އަލީއެވެ. އެ ގޭމުގައި ލަންކާގެ ކުޅުންތެރިޔާ ވަނީ ދީމާ އަތުން 3-1 ސެޓުން ކުރި ހޯދައިފައެވެ. އެ ގޭމުގެ ފުރަތަމަ ދެ ސެޓު 04-11 އަދި 10-12 އިން ލަންކާގެ ކުޅުންތެރިޔާ ގެންދިޔަ ނަމަވެސް، ތިންވަނަ ސެޓު 14-12 އިން ގެންދިޔައީ ދީމާއެވެ. އަދި ފަހު ސެޓު ލަންކާގެ ކުޅުންތެރިޔާ ގެންދިޔައީ 11-13 އިންނެވެ.
ދެވަނަ ގޭމުގައި ރާއްޖެއިން ނުކުތީ އާއިޝަތު ރަފާ ނާޒިމެވެ. ރަފާ އަތުން ލަންކާގެ ކުޅުންތެރިޔާ މޮޅުވީ 3-1 ސެޓުންނެވެ. އެ ގޭމުގެ ފުރަތަމަ ސެޓު 06-11 އިން ލަންކާގެ ކުޅުންތެރިޔާ ގެންދިޔަ ނަމަވެސް، ދެވަނަ ސެޓު 12-10 އިން ގެންދިޔައީ ރަފާއެވެ. ލަންކާގެ ކުޅުންތެރިޔާ ފަހު ދެ ސެޓު ގެންދިޔައީ 03-11 އަދި 06-11 އިންނެވެ.
ތިންވަނަ ގޭމުގައި ރާއްޖެއިން ނުކުތީ ލައިސާ ފަތުހުﷲ އެވެ. އެ ގޭމުގައި ލައިސާ އަތުން ލަންކާގެ ކުޅުންތެރިޔާ މޮޅުވީ 3-1 ސެޓުންނެވެ. އެ ގޭމުގެ ފުރަތަމަ ސެޓު 12-10 އިން ލައިސާ ގެންދިޔަ ނަމަވެސް، ލަންކާގެ ކުޅުންތެރިޔާ ފަހު ތިން ސެޓު ގެންދިޔައީ 06-11، 08-11 އަދި 04-11 އިންނެވެ.
ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވިދާލައިފައެވެ. އައިއޯއައިޖީގައި ރާއްޖޭގެ ޓީޓީ ޓީމުން ތިން ރަން މެޑަލް ހޯދިއެވެ.