ޚަބަރު

އަފްޣާނިސްތާނުން ހައްޔަރުކުރި ދިވެހި މީހާގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 21 އަހަރުގެ ޖަލުހުކުމެއް

އާނިފާ ހުސެއިން ސިރާޖް

އަފްޣާނިސްތާނަށް ހަނގުރާމައަށް ގޮސް އުޅެނިކޮށް އެގައުމުން ހައްޔަރުކުރި ދިވެހި މީހެއް ކަމުގައިވާ ހ. މޫންލައިޓްވެލީ އަލީ ޝާފިއުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 21 އަހަރު ދުވަހުގެ ޖަލުހުކުމެއް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އަފްޣާނިސްތާނުން ޝާފިއު ހައްޔަރުކޮށްފައިވަނީ އޭނާގެ އަންހެނުންނާއި ދަރިންނާއެކުއެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުނީ ޝާފިއު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއް ކަމަށެވެ.

ޝާފިއު އޭނާގެ ކުރީގެ އަނބިމީހާއާއި ދަރިފުޅު ގޮވައިގެން ސީރިއާއަށް ހަނގުރާމަ ކުރުމަށް ދިޔުމަށް ތުރުކީއަށް ފުރަން އުޅެނިކޮށް 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ވެލާނާ އެއާޕޯޓުން ހިއްފަހައްޓާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ 2015 އަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ ވަނީ ތޫނު ހަތިޔާރު ގެންގުޅެ ފޮރުވި ކަމުގެ ތުހުމަތުގައިވެސް ހައްޔަރުކޮށްފައި ކަމަށާއި ނަމަވެސް އެ މައްސަލަ ޝަރީއަތަށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުގެ ސަބަބުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 23 ވަަނަ ދުވަހު ޝާފިއު ވަނީ އަންހެނުންނާއި ހަތަރު ދިންނާއެކު ބޭސްފަރުވާއަށް ސްރިލަންކާއަށް ގޮސް، ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ލަންކާގެ މަގުން ޕާކިސްތާނަށް ދަތުރުކޮށް، ޕާކިސްތާނުގެ މަގުން އަފްޣާނިސްތާނަށް އެތެރެވެފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ ޝާފިއު އޭނާގެ އަނބިދަރިން އަފްޣާނިސްތާނަށް އެތެރެވުމުގެ މައުލޫމާތު ފުލުހުންނަސް ލިިބުމުން ބޭރުގެ ސަލާމަތީ އަދި ތަންފީޒީ އިދާރާތަކާއި ގުޅިގެންބެލި ބެލުމުން ޝާފިއު ޕާކިސްތާނުގައި އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ޝާފިއު އޭނާގެ އަނބިދަރިންނާ އެކު އަފްޣާނިސްތާނުގެ ނަންގަހާރު ޕްރޮވިންސުން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޝާފިއު އަފްޣާނިސްތާނަށް ގޮސްފައި ވަނީ އެގައުމުގައި ހަރަކާތްތެރިވާ އައިއެސްގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ޚޮރަންސާ ޕްރޮވިންސް" (އައިސިސްކޭ) އާ ގުޅެން ކަމަށާއި އޭނާގެ އަތުން ނެގި ޑިޖިޓަލް ޑިވައިސް އަކުން އައިއެސްގެ ޕްރޮޕެގެންޑާ އާއި ގުޅޭ ވީޑިއޯތަކެއް ފެނުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޝާފިއު އާއި އޭނާގެ އާއިލާ އަފްޣާނިސްތާނުން ހައްޔަރުކުރި މައުލޫމާތު ފުލުހުންނަށް ލިބުމުން، ދިވެހި ފުލުހުންނާއި އަފްގާނިސްތާނުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން ވަރަށް ގާތުން އެ މައްސަލަ ބެލި ކަމަށާއި އެ މައްސަލަ އާއި ގުޅިގެން ފުލުހުންނާއި އަފްޣާނިސްތާނުގެ ތަންފީޒީ އިދާރާތަކާ ގުޅިގެން ޖޮއިންޓް އޮޕަރޭޝަންތައް ކުރިއަށް ގެންދިޔަކަމަ ފުލުހުން ބުންޏެވެ.

އެގޮތުން ޝާފިއު އަފްޣާނިސްތާނަށް ފޮނުވުމުގައި ހަރަކާތްތެރިވި ނެޓްވޯކުގެ އިސްމީހުން އައިޑެންޓިފައިކޮށް، އެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެކަން އެގައުމުގެ ފުލުހުންނާވެސް ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން، ޝާފިއުގެ މައްޗަށް ކުރެވޭ ތުހުމަތުގެ މައްސަލާގައި އަފްޣާނިސްތާނުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މައްސަލަ ތަހުގީގުކޮށް، އޭނާގެ މައްޗަށް ޝަރީއަތް ހިންގައި ޝާފިއުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 21 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާކަމަށް ފުލުހުންނަށް މިހާރު މައުލޫމާތު ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.