ޚަބަރު

އިހުތިޖާޖުގެ އަޑު އަހާލަން ކެރިވަޑައި ނުގެންނެވި ކަމަށް ވިދާޅުވެ ޖަމީލް ނަޝީދަށް ފާޑު ވިދާޅުވެއްޖެ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން އިހުތިޖާޖުގެ އަޑުވެސް އައްސަވާލަން ކެރިވަޑައިނުގެންނެވި ކަމަށް ވިދާޅުވެ، ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަރު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރައްްވާ އެމަނިކުފާނުގެ ގާނޫނީ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޖަމީލު މިހެން ވިދާޅުވެ ރައީސް ޔާމީނަށް ފާޑު ވިދާޅުވީ، ރައީސް ޔާމީން ޖަލުން ދޫކޮށްލަން ގޮވާލައި ޕީޕީއެމް އާއި ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ޖަލްސާގައި އިހުތިޖާޖު ކުރަން ފެށުން ނަން އިއްވައި މަޖިލިސް ޖަލްސާއިން އެ މެންބަރުން ނެރެފައިވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓުގެ ވަގުތުގައި ވޯޓަށް އެހުމުގެ ކަންތައް މަޖިލިސް ރައީސް ކުރިއަށް ގެންދިޔައީ އެ މެންބަރުން މަޖިލީހުން ނެރުމަށްފަހު ދޮރު ނުހުޅުވޭގޮތަށް ޖަލްސާކުރާ މާލަމުުގެ ދޮރު ބަންދު ކޮށްގެންނެވެ.

އެ މެންބަރުން ނެރުމަށްފަހު އެގޮތަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމަށް މަޖިލީހުގެ ރައީސް އެންގެވިއެވެ.

އެކަން ފާހަގަކޮށް ޑރ.ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި، މަޖިލީހުގެ ރިޔާސަތުން ހުދުމުހްތާރުކަން ދެއްކި ކަމަށް ބުނި ފަރާތްތަކުގެ ރިޔާސަތުގައި ވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށެވެ. ބާރު ލިބުމުން ފުދިގެން އަޑުއަހާލަންވެސް ނުކުރޭ ކަމަށާއި އިހުތިޖާޖްކުރުމުގެ ހައްގު ހޯދައިދިން ކަމަށް ބުނާ ފަރާތްތަކުން އުޅެނީ ބިރުން ކަމަށްވެސް ވިދާޅުވި އެވެ.

މަޖިލިސް ރައީސްގެ އުސޫލުތަކަށް ރިއާޔަތް ކުރައްވައި ޖަމީލު ވިދާޅުވީ ޑިމޮކްރަސީގެ ލޭބަލަށްވެސް ހުތުރު ކަމަށެވެ.

ރައްްޔިތުންގެ މަޖިލީހުގެ ފަހު ދަންފަޅީގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި މަޖިލީހުގެ ތަޅުމުގައި ޕީޕީއެމް އާއި ޕީއެންސީގެ ބައެއް މެންބަރުން ވަނީ އިހުތިޖާޖު ކޮށްފައެވެ.

އިއްޔެގެ ޖަލްސާގައި ތިން މެންބަރުން އިހުތިޖާޖު ކުރިިއިރު މިއަދު ހަ މެންބަރުން އިހުތިޖާޖު ކުރިއެވެ.

މިއަދު އިހުތިޖާޖުގައި ބައިވެރި ވަަޑައިގެންނެވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ފެލިދޫ ދައިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

މަޖިލީހުގައި ވޯޓަށް އަހާފައިވަނީ މީގެ ތެރެއިން ބައެއް މެންބަރުންގެ ނަން އިއްވައި ޖަލްސާއިން ބޭރުކޮއްގެންނެވެ.

ނަން އިއްވައި ޖަލްސާއިން ބޭރުކުރީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ފެލިދޫ ދައިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.