ލ. އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެގެ މެންދުރުގެ ވަގުތެއްގައި ފެނިފައިވާ ރެއިންބޯގެ އަލިތަކާގުޅިގެން އެތައްބަޔަކު ހައިރާންކުރުވިއެވެ.
މިއަލިގަނޑު އެންމެ ރީތިކޮށް ފެނިފައިވަނީ ލ.ފޮނަދޫ މީހުންނަށެވެ. އަލިގަނޑު ފެނުމާއިއެކު މިއީ އާދަޔާއި ހިލާފު ކަމެއްކަމަށް ބުނެ އެކިގޮތްގޮތަށް ވާހަކަތައް ފެތުރެން ފެށިއެވެ.
ލ.އަތޮޅު މަތިން ފެނުނު އަލިގަނޑު ހަގީގަތް ހާމަކޮށް ޕްރޮފިސަރ އުގައިލްވަނީ ޓްވިޓާ މެދުވެރިކޮށް ކިޔައިދީފައެވެ.
އުގައިލްގެ ޓްވީޓުގައި ބުނެފައިވަނީ އެއީ ރެއިންބޯ އިފެކްޓް އެއްކަމަށާއި އެއީ "ކޮންޓްރެއިލްސް" ކަމަށެވެ. "ކޮންޓްރެއިލްސް" އުފެދޭކަމަށް ބެލެވެނީ ވިއްސާރަ ވިލާގަނޑާއި މަތިންދާބޯޓުގެ ދުމާއި އެއްވެގެން ކަމަށް އުގައިލް ވަނީ ފާހަގަކޮށްފައެވެ.
އުޑުމަތިން ފްލައިޓް ދަތުރުކުރާ ރޮނގެއްފެނުން އެއީ އާންމު ކަމެކެވެ. ކޮންޓްރެއިލްސް އަކީ މިއީ އެވެ. ފްލައިޓް ދަތުރުކުރާއިރު މިއުފެދޭރޮނގު އުފެދެން މެދުވެރިވަނީ ވަކި އެލްޓިޓިއުޑަކަށް ވުރެން މަތިން ފްލައިޓް ދަތުރުކުރުމުންނެވެ. ގާތްގަނޑަކަށް 26،000 ފޫޓަށްވުރެން މަތިން ދަތުރުކުރާނަމަ ކޮންޓްރެއިލްސް އުފެދޭނެއެވެ. މިއެލްޓިޓިއުޑްގައި ވައިގެ ފިނިކަން ހުންނާނީ 40- ޑިގްރީއަށްވުރެން ދަށުގައެވެ. މިކަމުގެސަބަބުން މަތިންދާބޯޓުގެ ދުމާއި އެއްވެގެން ކޮންޓްރެއިލްސް އުފެދެއެވެ. އަދި އިރުގެ އަލިއެޅޭގޮތަކުން ރެއިންބޯ ސްޕެކްޓްރަމްގެ ކުލަތައް ކޮންޓްރެއިލްސް އަށް އަރާގޮތް މެދުވެރިވެއެވެ. މީގެ ސަބަބުން ރެއިންބޯކުލަތައް ވިލާގަނޑެއްގޮތަށް ފެންނާނެެވެ.