ސަރުކާރުން އެދެނީ ތަފާތު ކުރުމެއް ނެތި މުޖުތަމައުގައި އެންމެނަށް ބައިވެރިވެވޭނެ ގޮތްތައް ހޯދުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މުނާސަބާގައި މިއަދު ނޭޝަނަލް އާޓް ގެލެރީގައި ހުޅުވި ''ރިވެލި މައުރަޒު'' ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ހާއްސަ އަޅާލުމަކާއި، ލޯތްބާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ކަންތައްތަކެއް ކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މިޖުތަމައުގައި ޝާމިލުވެ އުޅުމުގެ ފުރުސަތު އެފަރާތްތަކަށް ހޯދައިދެން ޖެހޭ ކަމަށާއި ސަރުކާރާއި އެކި ކުންފުނިތަކާއި އަމިއްލަ ޖަމާއަތްތަކުން އެފަރާތްތަކަށް ފަހި މާހައުލެއް ގާއިމު ކުރުމުގައި ގެންގުޅޭ ދައުރު އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ކޮންމެ ސަރުކާރަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތައް ކަމެއް ކޮށްދެއްވި ނަމަވެސް އަދިވެސް ގިނަ ކަންކަން ކުރަން ހުރިކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުތެރޭ އުޅޭއިރު އެފަރާތްތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި މިހާރު ހުރި ހިސާބެއް އެނގިގެން ނޫނީ ކަންކަމުގައި އިތުރު ކުރިއެރުމެއް ނެތް ކަމަށް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން ބޭނުންވަނީ އަމިއްލަ ރަށުގައި ވެސް ހިތްފަސޭހަކަމާއެކު، ހިތްހަމަޖެހިގެން އެކުދިން ގޮވައިގެން އުޅޭނެ ގޮތެއް ހަމަޖައްސާދިނުންކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ އެކަމަށް އަމާޒު ހިފައި އެކުދިންނަށް ބޭނުންވާ ފަރުވާ އާއި ހުނަރު ހޯދޭނެ ގޮތަށް ކަންކަން ބައްޓަން ކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިސްކިތާއި ފެރީ ފަދަ އާންމު ތަންތަނަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ ގޮތެއް އޮތުމުގެ މުހިއްމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ކަމަކުން އެއްވެސް މީހަކު ބާކީނުކޮށް ނިޒާމު ބައްޓަން ކުރުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި، އަމިއްލަ އެދުމެއް ނެތި މަސައްކަތްކުރާ ފަރާތްތަކެއް ތިބިކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ އެފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ. އަދި ޑިސްއެބިލިޓީ އޮނަރަރީ އެމްބެސެޑަރެއްގެ ގޮތުގައި މިއަދު ހަމަޖެހިގެންދިޔަ އަހުމަދު ހިޝާންގެ މަސައްކަތް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ދައްކާލުމުގެ މަގުސަދުގައި ބާއްވާ ރިވެލި މައުރަޒަކީ މިއަދުގެ ނިޔަލަށް މާލޭގައި ބާއްވާ މައުރަޒެކެވެ. މި މައުރަޒު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މައުރަޒުގައި ބައިވެރިކުރި ތަކެތީގެ ތެރެއިން ފާހަގަކޮށްލެވޭ ތަކެތި ބައިވެރިކުރި ފަރާތްތަކަށް ވަނީ އިނާމު ދީފައެވެ.