އިބްރާހިމް ޒަކީ
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ފެލިދޫ ދައިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ނަން އިއްވައި މަޖިލީހުގެ ޖަލްސާއިން ނެރެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެ މެންބަރުން ނެރުނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވަގުތުން ދޫކޮށްލުމަށް ގޮވާލައި މަޖިލިސް ތަޅުމުގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން އުނދަނގޫވެގެން، ރިޔާސަތުން މަޖިލީހުގެ ރައީސް ތަކުރާރުކޮށް ނަސޭހަތް ދެއްވުމަށްފަހުގައެވެ.
މިއަދު 1:15 އެހާކަންހާއިރު މަޖިލިސް ތަޅުމުގައި ފެށި މި އިހުތިޖާޖުގެ ސަބަބުން 1:30 ގައި އޮތް ވޯޓަށް އެހުމަށް ރިޔާސަތަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ތިން މެންބަރަކު އިހުތިޖާޖު ކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕިއެމް އާއި ޕީއެންސީއަށް ނިސްބަތްވާ ހަ މެންބަރުން ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އިހުތިޖާޖު ކުރިއެވެ.
މިއަދު އިހުތިޖާޖުގައި ބައިވެރި ވަަޑައިގެންނެވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ފެލިދޫ ދައިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.