ރައީސް ޔާމީން

އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައެއް ނުގަންނަވާނެ!

އިންސާފު ލިބިފައިނުވާ ކަމަށް ގަބޫލުފުޅުކުރެއްވޭތީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

މާދަމާ އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވާނެ ކަން އިއުލާންކޮށްފައިވަނީ މުއާޒް ކުރެއްވި ޓުވީޓެއްގައެވެ.

މުއާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިނުގަތުމަށް ނިންމެވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ބޮޑު ހައްގެއް ގެއްލި، މިއަދާ ހަމައަށް އިންސާފު ލިބިފައިނުވާ ކަމަށް ގަބޫލުފުޅުކުރެއްވޭތީއާއި އެމަނިކުފާނަށް ތާއީދުކުރައްވާ އެތައް ހާސް ސަޕޯޓަރުންގެ އެދިވަޑައިގަތުމަށް އިހުތިރާމްކުރުމުގެ ގޮތުން ކަމަށެވެ.

"މިއަދާ ހަމައަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ ބޮޑު ހައްގެއް ގެއްލި، އިންސާފު ނުލިބިފައިވާ ކަމަށް ގަބޫލުފުޅު ކުރެއްވޭތީއާއި، އެމަނިކުފާނަށް ތާއީދުކުރައްވާ އެތައް ހާސް ސަޕޯޓަރުންގެ އެދިވަޑައިގަތުމަށް އިހުތިރާމް ކުރެއްވުމުގެ ގޮތުން، އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިނުގަތުމަށް ވަނީ ނިންމަވާފައި،" މުއާޒްގެ ޓުވީޓުގައި ވިދާޅުވިއެވެ.

މީގެ ކުރިން 2008ގެ އިންތިހާބުން ބަލިވެވަޑައިގެންނެވި ނަމަވެސް، ރައީސް މުހައްމަދު ނަޝީދު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މައުމޫން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި 2013ގެ އިންތިހާބުން ބަލިވެވަޑައިގެންނެވި ނަމަވެސް، ރައީސް ޔާމީން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.